ޠާލިބާނާއި އެމެރިކާގެ ވާހަކަތައް
ޠާލިބާނާއެކު ކުރިޔަށް ގެންދިޔަ ވާހަކަތައް ކާމިޔާބު: އެމެރިކާ
 
ކުރިޔަށްގެންދިޔަ ވާހަކަތަކާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމަކާ ހަމައަށް އައިކަމެއް ހާމައެއް ނުކުރޭ
 
ދޯހާގައި ކުރިޔަށްގެންދިޔަ މިވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު
ކ. މާލެ |
ޠާލިބާންގެ ވަފުދު ގަތަރުގެ ވަފުދާ ވާހަކަދައްކަނީ
ރޮއިޓަރސް

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށްފަހު ފުރަތަމަ ފަހަރަށް ޠާލިބާނުންނާއެކު ކުރިޔަށްގެންދިޔަ ވާހަކަތައް ކާމިޔާބުކަމަށް އެމެރިކާއިން ބުނެފިއެވެ.

ދޯހާގައި ކުރިޔަށްގެންދިޔަ މިވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުއެވެ. ވާހަކަތަކަށްފަހު އެމެރިކާއިން ބުނެފައިވަނީ އެމެރިކާއިން ބަލާނީ ޠާލިބާނުން ދައްކާ ވާހަކަތަކަށްވުރެ ބޮޑަށް އަމަލުތަކަށް ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓެގެ ސްޕޯކްސްމަން ނެޑް ޕްރައިސް ވިދާޅުވީ އެމެރިކާއިން މިވާހަކަތަކުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވާނީ ސަލާމަތާއި ރައްކާތެރިކަމާއި ޓެރަރިޒަމާ ގުޅުންހުރި ކަންކަމާއި އަފްޣާނިސްތާނުގައި ތިބި އެމެރިކާ އާއި ބޭރުގެ އެހެން ގައުމުތަކުގެ ރައްޔިތުންގެ އިތުުރުން އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން އެގައުމު ދޫކޮށްދާން ބޭނުންވާ މީހުންނަށް ރައްކާތެރިކަމާއެކު އެގައުމުން ފޭބުމުގެ އިންތިޒާމު ހަމަޖެއްސުމާއި އިންސާނީ ހައްގުތަކަށް ރައްކާތެރިވުމާއި އަންހެނުންނާއި އަންހެންކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންކަމަށެވެ.

މީގެއިތުރުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަދެއްކިއިރު އެ އެހީ ސީދާ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ވާހަކަދެއްކި ކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

އެހެންނަމަވެސް މިކަންކަމާ ގުޅިގެން އެއްވެސް އެއްބަސްވުމަކާ ހަމައަށް އައިކަމެއް ވިދާޅެއް ނުވެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިވާހަކަތަކުގައި ޠާލިބާނުންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ ވިދާޅުވީ އެމެރިކާއިން އަފްޣާންގެ ސެންޓްރަލް ބޭންކުގެ ރިޒާވް އާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތައް ނެގުމަށް އެދިފައިވާ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން އެމެރިކާއިން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވާހަކަދައްކާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ. އަދި މިވާހަކަތަކާއެކު އެމެރިކާ އާއި ތާލިބާނުގެ ގުޅުމުގެ މުޅިން އައު ބާބެއް ފެށިފައިވާކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި 20 އަހަރު ވަންދެން ތިބުމަށްފަހު ފައިބާފައިވާއިރު އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދަނީ ޠާލިބާނުންނެވެ. ވާހަކަތައް ފެށުމުގެ ކުރިން އެމެރިކާއިން ބުނެފައިވަނީ ޠާލިބާނުންނާއެކު ކުރިޔަށްގެންދާ ވާހަކަތަކަކީ އެއްގޮތަކަށް ވެސް ޠާލިބާން ސަރުކާރު ގަބޫލުކުރުމާއި ނުކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކެއް ނޫންކަމަށެވެ. އެއަށްވުރެ ބޮޑަށް މި ވާހަކަތަކަކީ އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ކުރިޔަށްގެންދާ ވާހަކަތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
100%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved