ޔުއެފާ ނޭޝަންސް ލީގު
ސްޕެއިން ބަލިކޮށް ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސަށް
 
ސްޕެއިން އަތުން ފްރާންސް މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ނޭޝަންސް ލީގުގެ ތިންވަނަ ހޯދީ ބެލްޖިއަމް ބަލިކުރި އިޓަލީ
ކ. މާލެ |
ނޭޝަންސް ލީގުގެ ޓްރޮފީއާއެކު ފްރާންސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި އާދީއްތަ ދުވަހުގެރޭ ފަހަތުން އަރައި ސްޕެއިން ބަލިކޮށް، ފްރާންސުން ޗެމްޕިއަންކަން ހޯދައިފިއެވެ.

އިޓަލީގެ މަޝްހޫރު ސަން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ފްރާންސް މޮޅުވިއިރު، އެންމެ ފަހުން ކުޅުނު ވާދަވެރި 25 މެޗުންވެސް ފްރާންސް ބަލިވެފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސްޕެއިނުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސާޖީ ބުސްކެޓްސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބާލެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ފްރާންސުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކީލިއަން އެމްބާޕޭގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ތެއޯ ހެނާންޑޭޒް ދިން ބޯޅަ އެމްބާޕޭ ވަނީ ލަނޑެއް ޖަހައި، މި މެޗުން ފްރާންސް މޮޅުކޮށްދީފައެވެ.

މި ލަނޑު ޖެހިއިރު އެމްބާޕޭ އޮފްސައިޑުގައި ހުރި ކަމަށް ސްޕެއިނުގެ ކުޅުންތެރިން އެޕީލްކުރި ނަމަވެސް، އެމްބާޕޭއަށް ބޯޅަ ލިބުމުގެ ކުރިން ސްޕެއިނުގެ އެރިކް ގާސިއާގެ ފައިގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ނިންމީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ.

އޭގެ ފަހުން ނަތީޖާ އެއްވަރުކުރަން ސްޕެއިނުން ގިނަ މަސައްކަތްތަކެއް ކުރިއިރު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޮޔާޒަބާލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން ސްޕެއިނުގެ ޔެރެމީ ޕީނޯ ފޮނުވާލި ހަމަލާއެއްވެސް ލޮރިސް ވަނީ ހުއްޓުވާފައެވެ.

މި މޮޅާއެކު ފްރާންސުން މި ފަހަރުގެ ނޭޝަންސް ލީގުގެ ޗެމްޕިއަން ހޯދިއިރު، މިއީ ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށްފަހު އެ ޓީމުން ހޯދި ފުރަތަމަ ކާމިޔާބީއެވެ. މި ދެ ކަމިޔާބީވެސް ފްރާންސުން ހޯދާފައިވަނީ ޑިޑިއޭ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުންނެވެ.

ސްޕެއިން ބަލިކޮށް ފްރާންސުން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މި މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ބުދަ ދުވަހުގެރޭ އިޓަލީ ވަނީ ބެލްޖިއަމް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ނޭޝަންސް ލީގަކީ ބައިނަލްއަގުވާމީ ވާދަވެރި މެޗުތަކެއް ގިނަ ގައުމުތަކަށް ހޯދައިދިނުމަށާއި، ބޮޑު މުބާރާތެއް ނޯންނަ އަހަރެއްގައި ފުޓްބޯޅައިގެ ވާދަވެރިކަން ފެންނަ މުބާރާތެއް ބޭއްވުމަށް ޔުއެފާއިން 2018 ވަނަ އަހަރު ފެށި މުބާރާތެކެވެ. މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނަކީ ޕޯޗުގަލެވެ. އެ ޓީމުން ތަށި ހޯދީ 2019 ވަނަ އަަހަރު ނެދަލެންޑްސް ބަލިކުރުމަށްފަހުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved