ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުން
އިޤްތިޞާދު ހިނގައިގަނެ، ތެލުގެ އަގުތައް އުފުލެނީ
 
އަދިވެސް ތެލުގެ އަގު އުފުލިދާނެ ކަމަށް މާހިރުން ލަފާކުރޭ
 
މި މިންވަރަށް ވޭތުވެދިޔަ 7 އަހަރުވެސް ތެލުގެ އަގު މައްޗަކަށް ނުދޭ
 
މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 80 ޑޮލަރުގައި
ކ. މާލެ |
އެފްއެސްއެމް އީޒީފިލް
ސޯޝަލް މީޑިއާ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައި އޮންނަތާ ދުވަސް ތަކަކަށްފަހު ދުނިޔޭގެ އިޤްތިޞާދު ހިނގައި ގަތުމާއެކު ތެލުގެ އަގުތައް ވަނީ ބާރުމިނުގައި އުފުލެން ފަށައިފައެވެ. މިހާރު ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރުގައި ހުރި އިރު މިއީ ޖެނުއަރީއިން ފެށިގެން ބަލާއިރު 58 ޕަސެންޓުގެ އުފުލުމެކެވެ. މި އަހަރުގެ އޯގަސްޓް މަހާއި ހަމައިން ބަލާނަމަވެސް ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއް ވިއްކާ އަގު ވަނީ 20 ޕަސެންޓު އުފުލިފަ އެވެ. މިވަގުތު ތެލުގެ އަގު ހުރީ ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ގޮސްފަ އެވެ.

އަދިވެސް އަގުތައް އުފުލިދާނެ

ކޮވިޑްގެ ހާލަތު ރަނގަޅުވުމާއި ޔޫރަޕްގެ ފިނި މޫސުމާ ކުރިމަތިވަމުންދާއިރު ތެލުގެ އަގު އިތުރަށް ބޮޑުވެގެން ދާނެކަމަށް މާހިރުން ލާފަކުރައްވައެވެ. އޭގެ އެއް ސަބަބަކީ ޔޫރަޕުގެ ދެބައިކުޅަ އެއްބަޔަށް ގޭސް ފޯރުކޮށްދޭ ރަޝިއާއާއި ނޯވޭއިން އެ ގައުމުތަކަށް ގޭސް ބޭނުންވާ މިންވަރަށް އެކްސްޕޯޓް ނުކުރެވުމެވެ. އަދި ވައިން އުފައްދާ ހަކަތައަށް ބަރޯސާވުން ބޮޑު އިނގިރޭސި ވިލާތަށް ދިމާވެފައިވާ ހާލަތަކީވެސް އެ ގައުމުންވެސް ތެލުގެ ބޭނުން ކުރުން އިތުރުވާނެ ހާލަތެކެވެ. އެ ގައުމުގައި ބޭނުންކުރާ ހަކަތައިގެ 25 ޕަސެންޓު ވައިން އުފެއްދި ނަމަވެސް، ވައި ޖެހޭ މިންވަރު ދަށްވުމުގެ ސަބަބުން ވައިން އުފައްދާ ހަކަތައިގެ މިންވަރު ވަނީ އަށެއް އިންސައްތަ ދަށްވެފައެވެ.

ކޮވިޑުން އަރައިގަނެވި, ކާރުޚާނާތައް ހިނގައިގަތުން

އެކުގައި ފިލާ ނުދިޔަ ނަމަވެސް ވެކްސިނާއެކު ގައުމުތަކުގެ ކޮވިޑްގެ ހާލަތަށްވަނީ ބޮޑެތި ލުއިތަކެއް ލިބިފައެވެ. ގައުމުތަކުގެ ކާރުޚާނާތައް ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށްގެނެސް އުފެއްދުންތެރިކަން އިތުރުކުރަން ގައުމުތަކުން މަސައްކަތްފަށާފައިވާއިރު ކާރުޚާނާތައް ހިންގުމަށް ބޭނުންވާ ހަކަތައިގެ ބޮޑު ބަޔަކީ ތެލެވެ.

ޑިމާންޑު އުފުލެމުން ދިޔަ ނަމަވެސް، ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ, އޯޕެކުން ވަނީ ތެލުގެ ސަޕްލައި އިތުރު ނުކުރުމަށް ނިންމާފަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ކަނޑައެޅުމުގެ އެންމެ ނުފޫޒުގަދަ މި ޖަމިއްޔާއިން ވަނީ އަގުތައް އުފުލުނު ނަމަވެސް ތެޔޮ އުފައްދާ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ.

ތެލުގެ އަގާއެކު ރާއްޖެ

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 96 އިންސައްތަ އުފައްދަނީ ތެލުންނެވެ. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ދެ ކުންފުންޏެއް އޮތް އިރު ދެ ކުންފުންޏަކީވެސް ދައުލަތުގެ ދެ ކުންފުންޏެވެ. އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވުމަށް ދެ ކުންފުނިންވެސް މަސައްކަތްތަކެއް ކުރިނަމަވެސް އެ މަޝްރޫޢުތައް އަދި ނިމުމަކާ ގާތްވެސް ނުވާއިރު, ދެ ކުންފުންޏަށްވެސް އަގުތައް އުފުލުމުގެ އަސަރުކުރާނެއެވެ. މީގެ އިތުރުން އިޤްތިޞާދުގެ ދެވަނައަށް އެންމެ ބޮޑު ޞިނާޢަތްކަމަށްވާ މަސްވެރިކަމަށްވެސް މިކަމުގެ އަސަރުތައް ކުރާނެއެވެ. ދުނިޔޭގެ ބާޒާރުގައި ހިފެހެއްޓުމެއްނެތި އަގުތައް މައްޗަށް ދާންފެށުމުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ވެސް ވަނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކުރަން މަޖުބޫރުވެ, އަގުތަކަށް ބަދަލު ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved