އުރީދޫ ސާފް ޗެމްޕިއަންޝިޕް
ނޭޕާލް އަތުން އިންޑިއާއަށް މުހިންމު މޮޅެއް
 
ނޭޕާލް އަތުން އިންޑިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
އިންޑިއާއާ އެއްވަރުކޮށްގެން ރާއްޖެއަށް ފައިނަލަށް ދެވޭނެ
ކ. މާލެ |
ނޭޕާލާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި އާދީއްތަ ދުވަހުގެރޭ ނޭޕާލް ބަލިކޮށް އިންޑިއާއިން މުބާރާތުގެ ފައިނަލުގެ އުއްމީދު އާކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 18 ވަނަ މިނެޓުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ނޭޕާލުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައިވެސް ޗެތުރީއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރޭގައި ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 57 ވަނަ މިނެޓުގައި އިންޑިއާގެ މަންވީރް ސިންގް ހުހަށްހުރެ ބޮލުން ފޮނުވާލި ބާރު ހަމަލާ ނޭޕާލުގެ ގޯލްކީޕަރު ކިރަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެކަމަކު މެޗުގެ 72 ވަނަ މިނެޓުގައި މެޗުގައި އިންޑިއާއިން ވަނީ ލީޑު ނަގާފައެވެ. ފާރޫޚް ޗޮދްރީގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެތުރީއެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް އިންޑިއާ ޖެހިލިއިރު، ކުޅުނު ތިން މެޗުން އެ ޓީމަށް ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. މި މެޗުން ބަލިވި ނަމަވެސް ނޭޕާލް އޮތީ ހެޑް-ޓު-ހެޑް އުސޫލުން ތާވަލުގެ އެއްވަނައިގައެވެ. އެގޮތުން ނޭޕާލާއި ދެވަނައިގައި އޮތް ރާއްޖެއަށްވެސް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ބަންގްލަދޭޝްއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓް ހޯދި ސްރީ ލަންކާއެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ މޮޅު ދެ ޓީމު ފައިނަލަށް ދަތުރުކުރާއިރު، އިންޑިއާ އަތުން ނޭޕާލް ބަލިވުމުން، ފަހު މެޗުގައި އިންޑިއާއާ އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved