އުރީދޫ ސާފް ޗެމްޕިއަންޝިޕް
ކާމިޔާބުގެ ސިއްރަކީ ޓީމުގެ ރޫހު ރަނގަޅުވުން: ސުޒޭން
 
ފަހުން ކުޅުނު ދެ މެޗުންވެސް ރާއްޖެ ވަނީ މޮޅުވެފައި
 
މިވަރުގެ ރޫހެއް ކުރިން ނުފެންނަ ކަމަށް ސުޒޭން ބުނި
ކ. މާލެ |
ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން
އިމޭޖަސް.އެމްވީ

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ރާއްޖެއިން ކުޅުނު ފަހު ދެ މެޗު ކާމިޔާބުކުރުމުގެ ސިއްރަކީ ޓީމުގެ ތެރޭގައި އޮތް ރޫހު ރަނގަޅުވުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް، އޭގެ ފަހުން ކުޅުނު ދެ މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އެގޮތުން ބަންގްލަދޭޝް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، އާދީއްތަ ދުވަހުގެ ހަވީރު ސްރީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ ރާއްޖެ ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.

މި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ މުބާރާތައް ނުކުތް ފަހުން މެޗަކަށްފަހު މެޗެއް ޓީމުގެ ކުޅުން ރަނގަޅު ކުރަމުން އަންނަ ކަމަށާއި، އޭގެ ސިއްރަކީ ޓީމު ތެރޭގައި އޮތް ރޫހު ރަނގަޅުވުމުން ކަމަށެވެ. އެގޮތުން ގައުމީ ޓީމު ތެރޭގައި ވަރަށް ރަނގަޅު ރޫހެއް އެބައޮތް ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރަމުން އަންނަނީ އެކެއްޗެއް ކިޔައިގެން އެއް އަމާޒަކަށް ކަމަށްވެސް ބުންޏެވެ. އަދި މި ޓީމަކީ މިފަހުން ރާއްޖޭގައި އޮތް އެންމެ އެކުވެރި ޓީމު ކަމަށާއި، އެކަން މި ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ގައުމީ ޓީމުގެ ތެރޭގައި އޮތް ރޫހެއް ދުވަހަކުވެސް ނެތް އަދި މީގެ ކުރިއަކުން. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މި ގޮތަށް މިހާ އެކުވެރިކޮށް، ޚާއްސަކޮށް ސީނިއާ ގައުމީ ޓީމެއް އޮތް ފަހަރުކަން އަޝްފާގުމެން ގަބޫލުކުރާނެ.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

ސުޒޭން ބުނީ މިހާރު ޓީމުގައި އޮތް އެކުވެރިކަމަށް ބަލާފައި މުބާރާތަކަށް ޓީމެއް ބިނާކުރުމުގައި ގައުމީ ކޯޗިން ޓީމަށް ކާމިޔާބުވެއްޖެއޭ ބުނަން ކެރޭ ކަމަށެވެ.

މެޗާ ބެހޭ ގޮތުން ސުޒޭން ބުނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ގައުމީ ޓީމުން އިތުރު މަސައްކަތެއް ކުރަންޖެހޭ ކަމަށާއި، އެހެންކަމުން ދެން އޮތް ފަރިތަކުރުންތަކުގައި އެކަމަށް ސަމާލުކަން ދޭނެ ކަމަށެވެ.

ލިބޭ ހުރިހާ އެއްޗެއް ބޭނުންނުކުރެވުނަސް، އެކަންތަކަށް ވޯކުކުރާނަން ކުރިއަށް އޮތް ދުވަސްތަކުގައި. އަޅުގަނޑު ޝަކުވާއެއް ކުރާކަށް ބޭނުމެއް ނޫން.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

ލަންކާ އަތުން ހޯދި މޮޅާއެކު މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗަށް ރާއްޖެ ބުދަ ދުވަހުގެރޭ ކުރިމަތިލާނީ، ފައިނަލަށް ދިއުމުގެ އަމިއްލަ ބާރާއެކުއެވެ. ގްރޫޕް ސްޓޭޖުގެ އެންމެ މޮޅު ދެ ޓީމު ފައިނަލަށް ދަތުރުކުރާއިރު، ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ސަރަހައްދުގެ ގަދަބާރު އިންޑިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved