އުރީދޫ ސާފް ޗެމްޕިއަންޝިޕް
ލަންކާ ބަލިކޮށް ރާއްޖެ ކުރިއަށް
 
ލަންކާ އަތުން ރާއްޖެ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ރާއްޖެ ވަނީ ހަ ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފައި
ކ. މާލެ |
ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި އާދިއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ލަންކާގެ ޗަލަނަ ޗަމީރާ ބޮލުން ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ރާއްޖޭން ވަނީ ލީޑު ނަގާފައެވެ. ހައިޝަމް ހަސަން ނަގައިދިން ހުރަހަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އަދި އޭގެ ފަހުން މެޗުގެ 14 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާއެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އަރާފައިވަނީ މުޙައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ގައުމީ ޓީމަށް ޗެކް ކުޅެދިން ފުރަތަމަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފު ރާއްޖޭން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މި ހާފުގެ އިތުރު ވަގުތުގައި ލީޑު ފުޅާކުރަން ސެންޓޭއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ރާއްޖޭން ފުލުފުލުގައި ދެ ހަމަލާއެއް ފޮނުވާލިއެވެ. އެގޮތުން ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ބޮލުން ޖެހި ބޯޅައެއް ގޯލްކީޕަރު ސުޖަން ވަނީ މަތަކޮށްފައެވެ.

އެކަމަކު އޭގެ ފަހުން ލަންކާއިން ކުޅުން ރަނގަޅުކުރިއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ޑިލޯން ޑި ސިލްވާއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ލަންކާގެ ކަވިންދޫ އިޝާން ރާއްޖޭގެ އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ގޯލްކީޕަރު ޗެކް ވަނީ ހުއްޓުވާފައެވެ.

ނަމަވެސް އޭގެ ފަހުން ރާއްޖެއަށް ލީޑު ފުޅާކޮށްދޭން މެޗުގެ 87 ވަނަަ މިނެޓުގައި ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން ރާއިފު އަޙްމަދު (ހަންނަ) އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް. އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ރާއްޖެ ޖެހިލިއިރު، ރާއްޖެ ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ރާއްޖެއާ ޕޮއިންޓުން އެއްވަރުވެ، ފައިދާ ލަނޑު އެއްވަރުވި ނަމަވެސް، ޖެހި ލަނޑުން ކުރި ލިބޭތީއެވެ. ނޭޕާލުން މިހާތަނަށް ހަތަރު ލަނޑު ޖަހާފައިވާއިރު، ރާއްޖެއަށް އަދި ޖެހުނީ ތިން ލަނޑެވެ. ތިންވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ބަންގްލަދޭޝްއެވެ. އަދި ހަތަރުވަނައިގައި ދެ މެޗުން ދެ ޕޮއިންޓާއެކު އިންޑިއާ އޮތްއިރު، ފުލުގައި އޮތް ލަންކާއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved