ބިދޭސީންގެ މައްސަލަ
ބިދޭސީންގެ މައްސަލަ އެއްވެސް ސަރުކާރަކަށް ހައްލެއް ނުވި، މިއަދު ހުރިހާ ރުޅިއެއް ބިދޭސީންނަށް
 
އެމީހުންނާހެދި ދިވެހިންގެ ދިރިއުޅުމަށް "މުސީބާތަކަށް" ވެފައިވާކަމަށް ބުނި ދިވެހިން ވެސް މަދެއް ނޫން
 
އެ މައްސަލަ ޙައްލު ނުކުރެވޭ ހިސާބަަށް ދިއުމުގައި ދިވެހި ދައުލަތުގެ ބޮޑު އިހުމާލެއް ވެސް ވޭ
 
ދިވެހިންނަށް ވެސް ވަޒީފާ ލިބުމުގައި އަދި ވަޒީފާގެ ބާޒާރު ކޮންޓްރޯލް ކުރުމުގައި ވެސް މިއަދު މިވަނީ ދަތިވެފައި
ކ. މާލެ |
ބިދޭސީ މަސައްކަތު މީހުން- ރާއްޖޭގައި ލިއެކިއުމެއް ނެތި އުޅޭ ބިދޭސީން ގިނަ
މުހައްމަދު ފަޒީން

އައު ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް ކޮށްދޭނެ ކަންކަމާއި، ވައުދުތަކާއި، މެނިފެސްޓޯތައް ބަންޑުން ކޮށްލައެވެ. އޭގެ ތެރެއިން ވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރުމާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ވައުދަކީ އެންމެ ކުރީގައި ގުނާލެވޭނެ ވައުދެކެވެ.

އެހެންނަމަވެސް، މިއަދާ ހަމައަށް ވެސް މި މައްސަލައަށް ހައްލެއް ނުލިބި، އެތައް އަހަރެއް ވަންދެން ދިގުދެމިގެންގޮސް، މިއަދު މިވަނީ ހައްލުކުރަން ދަތި ކަމަކަށް އެކަން ވެފައެވެ. ވަކިން ޚާއްސަކޮށް ބަންގްލަދޭޝްގެ އާބާދީ ރާއްޖޭގައި ނުހަނު ބޮޑެވެ. ނުގަވާއިދަށް އުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެ، ރާއްޖޭގެ ހުރިހާ ވިޔަފާރިއަކާއި ސިނާޢަތެއްގައި ވެސް މިއަދު ރަސްކަން ކުރަމުންދަނީ ބިދޭސީންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް ވެސް ވަޒީފާ ލިބުމުގައި އަދި ވަޒީފާގެ ބާޒާރު ކޮންޓްރޯލް ކުރުމުގައި ވެސް މިއަދު މިވަނީ ދަތިވެފައެވެ.

އެހެންނަމަވެސް، އެކަމުގެ ހިތްހަމަނުޖެހުމާއި، ނުރުހުމުގެ ތެރެއިން މިއަދު ޤައުމުގައި އިތުރު އިޖުތިމާއީ މައްސަލަތަކެއް މިވަނީ ފެންމަތިވެފައެވެ. ބައިބައިވުމާއި، ނަސްލީ ތަފާތު ކުރުމުގެ ބޮޑެތި މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އޭގެ ކުޑަކުޑަ މިސާލަކަށް މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތެރެއިން ހިނގަމުންދާ ކަންކަން ފުދެއެވެ.

މައްސަލަ ފެށިގެން ދިޔައީ ބަންގަލަދޭޝް އާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓާ ހިސާބުންނެވެ. ޓިކެޓު ވިއްކުމުގައި މިހާރު ވެސް ބޮޑެތި މައްސަލަތަކެއް ފެންމަތިވަމުންދާއިރު، ބަންގަލަދޭޝް މެޗުގައި ވެސް ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. ނަމަވެސް އެހިސާބުން ސޯޝަލް މީޑިއާގައި ދިވެހިންނާއި ބަނގްލަދޭޝް ރައްޔިތުންގެ މެދުގައި އިންތިހާއަށް ނުރުހުުމުގެ ބަސްތައް އަމާޒުވެ، އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކުރަމުން ދިޔައެވެ.

ވަކިން ޚާއްސަކޮށް ބަންގްލަދޭޝް ރައްޔިތުންނަށް އެކި ގޮތްގޮތަށް މަލާމާތުގެ ބަސްތައް ރައްދުކޮށް، އަނބުރާ ޤައުމަށް ދިއުމަށް ގޮވާލައި، ވީޑިއޯތަކާއި ޕޯސްޓުތައް އާންމުކުރި ދިވެހިން ވެސް މަދެއް ނޫނެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކޮމެންޓުތަކާއި ޕޯސްޓުތަކަކީ އިންތިހާއަށް ނަސްލީ ތަފާތު ކުރުމާއި، ނަފްރަތުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޕޯސްޓުތަކެވެ.

އެ ޕޯސްޓުތަކަށް ކޮމެންޓުކުރި ގިނަ ދިވެހިން ބުނަމުންދަނީ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ޤައުމަށް ދާން ޖެހޭ ކަމަށެވެ. އެމީހުންނާހެދި ދިވެހިންގެ ދިރިއުޅުމަށް "މުސީބާތަކަށް" ވެފައިވާކަމަށް ބުނި ދިވެހިން ވެސް މަދެއް ނޫނެވެ. ގިނަ ކޮމެންޓުތަކާއި ޕޯސްޓުތަކަކީ އިންސާނީ ކަރާމާތަށް ބަލާއިރުވެސް، އެއްވެސް ޤަދަރެެއް ނެތި ކޮށްފައިވާ ޕޯސްޓުތަކެވެ. މިއީ ހަމައެކަނި ކުޑަ މިސާލެކެވެ.

ނަމަވެސް ހަގީގަތަކީ ބަންގްލަދޭޝް ރައްޔިތުން މި ޤައުމުގައި ގިނަވެ، އެ މައްސަލަ ހައްލު ނުކުރެވޭ ހިސާބަަށް ދިއުމުގައި ދިވެހި ދައުލަތުގެ ބޮޑު އިހުމާލެއް ވެސް ވާކަމެވެ. މިއަދުވެސް އެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަގުމަތީގައި މަސައްކަތް ހޯދަން ނުކުމެ، ވިޔަފާރިކޮށް އުޅެމުންދާއިރު ވެސް ތަންފީޒީ އިދާރާތަކުން ވެސް އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމެވެ.

ޤައުމެއްގެ ޙައިސިއްޔަތުން ކޮންމެ ޤައުމެއްގައި ވެސް ހަމަތަކާއި އުސޫލުތަކެއް އޮންނާނެއެވެ. ނުގަވާއިދުން ލިއެކިއުމެއް ނެތި އުޅޭނަމަ އެޅިދާނެ ފިޔަވަޅުތައް ހުންނާނެއެވެ. އެއިން ފިޔަވަޅެއް އެޅުމެއްނެތި، ހުރިހާ ކަމެއް "ހެޔޮކަމަށް" ދޫކޮށްލައިގެން ކަމާބެހޭ ފަރާތްތަކުން ތިބުމުގެ ނަތީޖާ މިއަދު ފެންނަނީ ނުހަނު ހިތިކޮށެވެ. ވީއިރު، މިއަދު ދިވެހިންގެ ހިތްތަކުގައި ބިދޭސީންނަށް އެހާ ނަފްރަތާއި، ރުޅިވެރިކަން ބާއްވައި، ނަސްލީ ގޮތުން ތަފާތުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

އޭގެ ބަދަލުގައި ލިއެކިއުމެއް ނެތި އުޅޭ ބިދޭސީން ހޯދައި، އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ކަންކަން އަވަސްކުރަން ގޮވާލުން މާ ރަނގަޅެވެ. ބިދޭސީން ވިޔަފާރިތައް ކޮންޓްރޯލް ކުރާއިރު، އެކަމާ ގުޅިގެން ހަދާފައިވާ ގަވާއިދުތައް ކަމާބެހޭ ފަރާތްތަކުން ތަންފީޒު ކުރަން ގޮވާލުން ވެސް މާ ރަނގަޅެވެ. ނަސްލީ ތަފާތު ކުރުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
100%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved