މަޚްލޫފްގެ ސަސްޕެންޝަން އުވާލުން
ވަޒީރުގެ ސަސްޕެންޝަން އުވާލުމާއެކު ކުޅިވަރު އާއިލާ އުފަލުން ފޮޅިފައި
 
މަޚްލޫފް ސަސްޕެންޑް ކުރުމާއިއެކު ކުޅިވަރު އާއިލާއިން ވަނީ އެކަމާއި ހިތާމަ ފާޅުކޮށްފައި
 
ސަސްޕެންޝަން އުވާލާފއިވަނީ ހަތަރު މަސްދުވަހަށް ފަހު
ކ. މާލެ |
ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ރައީސް އޮފީސް

މި ސަރުކާރުގެ އެންމެ ހިންގުންތެރި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަޚްލޫފްގެ ސަސްޕެންޝަން އުވާލުމާއެކު ކުޅިވަރު އާއިލާއިން އަންނަނީ މަޚްލޫފަށް މަރުހަބާ ކިޔަމުންނެވެ. މަޚްލޫފްގެ ވަޒީރުކަމުގެ ދަށުން ވަކި ކުޅިވަރެއް ބެލުމެއް ނެތި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރެއްވި މަސައްކަތަކީ ކުޅިވަރު އާއިލާއިން ބަލައިގަންނަ މަސައްކަތްތަކެކެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތް މިނިސްޓަރ އަހްމަދު މަޚުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް މައްސަލަ ފޮނުވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު މަޚުލޫފު މަގާމުން އެކަހެރި ކުރައްވާފައެވެ.

ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވަނީ ހަތަރު މަސް ދުވަސް ފާއިތުވެދިޔައިރު އެ މައްސަލާގައި ދައުވާކޮށްފައިނުވާތީއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވީނަމަވެސް، މަޚުލޫފު އަލުން އޮފީހަށް ނިކުންނަވަން އެންގެވީ މަޚުލޫފު މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ނެތުމުންނެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސާލިހުވެސް ވަނީ މަޚްލޫފްގެ މައްސަލައިގައި ދައުވާ ކުރެވެން އޮތްނަމަ އެކަން އަވަސް ކޮށްދިނުމަށްވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު މަޚްލޫފް ވަނީ ޕީޖީން އޭނާއާމެދު ތަފާތު ކުރުން ގެންގުޅޭކަމަށް ވިދާޅުވެ، މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ހަތަރު މަހަށްފަހު އެނބުރި މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް އާދީއްތަ ދުވަހު އޮފީހަށް ނުކުންނަވާއިރު، ގައުމަށް މިވަނީ ފުޓުބޯޅައިގެ ބޮޑު އީދެއް އައިސްފައެވެ. މަގާމުން އެކަހެރި ކުރައްވާފައިވީ ނަމަވެސް މަޚްލޫފް ވަނީ ގައުމީ ފުޓުބޯޅަ ޓީމާއި، ބައްދަލުކުރައްވާ ޓީމަށް ހިތްވަރު ދެއްވާފައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ މަޚްލޫފް ވަޒީރު ކަމުން އެކަހެރި ކުރައްވާފައި ހުންނެވުމުން އެކަމުގެ ފަޅުކަން މުޅި ކުޅިވަރު އާއިލާއަށް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ސުޒޭންގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މަޚްލޫފަކީ ކުޅިވަރަށް ލިބުނު ވެކްސިނެއް ކަމަށާއި، މަޚްލޫފް ބަދަލިކޮށްލެވޭނެ ފެންވަރުގެ ވަޒީރަކު ފެންނަން ނެތް ކަމަށެވެ. މީގެ އިތުރުން ރަނޭ ވިދާޅުވީ މަޚްލޫފް ނެތުމުން އެކަމުގެ ފަޅުކަން މުޅި ކުޅިވަރު އާއިލާއަށް ކުރަމުން އަންނަ ކަމަށެވެ.

ވަޒީރުކަމުގައި މަޚްލޫފް ފާހަގަވެގެން ގޮސްފައިވަނީ ޖެހިލުން ކުޑަ ވަޒީރެއްގެ ގޮތުގައެވެ. ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގައި ޚާއްސަކޮށް ކުޅިވަރުގެ އިންފްރާސްޓަކްޗާ ގާއިމުކުރުމުގައި ވަކި ކުޅިވަރަކަށް ބެލުމެއް ނެތި މަޚްލޫފް މަސައްކަތްކުރެއްވިކަން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މަޚްލޫފުގެ ވަޒީރުކަމުގެ ދަށުން ރައީސް ސާލިހުގެ ވައުދުފުޅުތައް ފުއްދެވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖެއިން އިންޑިއަން އޯޝަން އައިލޭންޑްސް ގޭމްސް (އައިއޯއައިޖީ) ބިޑް ކާމިޔާބުކުރުމުގައި މަޚްލޫފުގެ ދައުރު ބޮޑެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ފެންވަރަށް ކުޅިވަރު ދަނޑުތައް ހެއްދެވުމަށް ކުޅިވަރާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން މަޚްލޫފް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
80%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
20%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved