އުރީދޫ ސާފް ޗެމްޕިއަންޝިޕް
އުރީދޫ ސާފް ޗެމްޕިއަންޝިޕް - ލަންކާގެ ތައްޔާރީތައް
 
ލަންކާ ވަނީ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައި
 
ލަންކާއާ ދެކޮޅަށް ކުޅުނު ހަތް މެޗުން ރާއްޖެ ވަނީ މޮޅުވެފައި
ކ. މާލެ |
ރާއްޖޭގައި ލަންކާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
އެފްއެފްއެސްއެލް މީޑިއާ

މިހާރު ރާއްޖޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ސްރީ ލަންކާއިން ކުޅޭ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު ލަންކާ އޮތީ މުބާރާތުން ކަޓާފައެވެ. އެކަމަކު ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ލަންކާ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ ފަހުން ކުޅުނު މެޗުގައި ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާ އެއްވަރުކުރެވުމެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ލަންކާއިން ކޭމްޕުކޮށްފައިވަނީ ސައުދީ އަރަބިއްޔާގައެވެ. އެންމެ ފުރަތަމަ ގަތަރުގައި ކޭމްޕުކުރަން ލަންކާއިން ނިންމި ނަމަވެސް، އެކަން ކާމިޔާބުނުވީ ލަންކާގެ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ގަތަރުގެ ވިސާ ނުލިބުމުންނެވެ. އެހެންކަމުން މުބާރާތުގެ ކުރިން ރާއްޖެ އާއި ލަންކާއާ ދެމެދު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެން ރޭވި ނަމަވެސް، އެ މެޗު ކުޅެވޭ ގޮތެއް ނުވިއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ލަންކާގެ ސްކޮޑުގައި ޔޫރަޕުގައި ކުޅޭ ތިން ކުޅުންތެރިއަކަށް ވަނީ ފުރުސަތުދީފައެވެ. އެއީ އިންގްލެންޑްގެ ކުއީންސް ޕާކް ރޭންޖާސްއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ފޯވާޑް ޑިލޯން ޑި ސިލްވާ އާއި، ޖަރުމަނު ލީގުގެ ޔޫނިއަން ބާލިންއަށް ކުރިން ކުޅުނު އަޙްމަދު ވަސީމް ރަޒާކް އަދި އިންގްލެންޑުގެ ސެމީ ޕްރޮފެޝަނަލް ފެންވަރުގެ ކުލަބު ވައިޓްހޯކަށް ކުޅެމުން އަންނަ މާވިން ހަމިލްޓަންއެވެ.

ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ލަންކާއަށް ދެން އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ ޓީމުގެ ކޯޗަކީ ރާއްޖޭގެ ފުޓްބޯޅަ ދަންނަ ކޯޗަކަށްވުމެވެ. އެގޮތުން ލަންކާގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗްއަކީ މީގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އިރުޝާދުދީފައިވާ ކޯޗެކެވެ.

ރާއްޖެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލިގިޗް ބުނީ މި މެޗުގައި ހުރިހާވެސް ޕްރެޝަރެއް އޮތީ ރާއްޖެއަށް ކަމަށެވެ. އެގޮތުން ރާއްޖޭން ކުޅެނީ މުބާރާތުގެ ފައިނަލަށް އަމާޒު ހިފައިގެން ކަމަށާއި، އެކަމަކު ލަންކާއަށް މިހާރު އެ ފުރުސަތު ނެތް ކަމަށެވެ. އެހެންކަމުން ލަންކާއިން މި މެޗަށް ނުކުންނައިރު ގެއްލޭނެ އެއްޗެއް ނެތް ކަމަށްވެސް ބުންޏެވެ. އަދި މިވަރުގެ ޕްރެޝަރު މެޗަކަށް ރާއްޖެ ނުކުންނައިރު، އޭގެ ފައިދާ ލަންކާއަށް ނެގޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ ކުރިން ރާއްޖެއާ ލަންކާ 19 ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އަދި ނުވަ މެޗު އެއްވަރުވެގެން ނިމުނުއިރު، ލަންކާ މޮޅުވީ ތިން މެޗުންނެވެ. މި ދެ ޓީމުގެ އެންމެ ފަހުގެ ކުރިމަތިލުމަކީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖް މެޗެވެ. އެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
100%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved