އަފްޣާނިސްތާނުގެ ހާލަތު
އެމެރިކާއާ ޠާލިބާނުންނާ ދެމެދު މަޝްވަރާތައް ފަށައިފި
 
އަފްޣާނިސްތާނުގެ ބިން އަލުން އަނބުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ހާއްޔަކަށް ނުހެދުމަށް ޠާލިބާނުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ކަށަވަރުކުރާނެ
 
20 އަހަރުވަންދެން އަފްޣާނިސްތާނުގައި އެމެރިކާއިން ތިބި
ކ. މާލެ |
އަފްޣާނިސްތާނާއި އެމެރިކާގެ މަޝްވަރާތައް
އަލްޖަޒީރާ

އޮގަސްޓްމަހުގެ 31 ވަނަ ދުވަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބިފަހުން ފުރަތަމަ ފަހަރަށް އެމެރިކާއާ ޠާލިބާނުންނާ ދެމެދުގައި މަޝްވަރާތައް ފަށައިފިއެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ މި ބައްދަލުވުމުގައި، މިދިޔަ އަހަރު ޠާލިބާނުންނާ އެމެރިކާއާ ދެމެދު ވެވިފައިވާ އެއްބަސްވުން މުރާޖަޢާކުރާނެއެވެ. ތާލިބާނުން އަފްޣާނިސްތާނުގައި އެކުލަވާލާފައިވާ ސަރުކާރުގެ ފޮރިން މިނިސްޓަރ މުއްލާ ޢާމިރު ޙާން މުއްތަޤީ ވިދާޅުވީ، މި މަޝްވަރާތަކުގައި އެގައުމުގެ މައިގަނޑު މަގުސަދަކީ އަފްޣާނިސްތާނަށް އިންސާނީ އެހީ ދިނުމާއި, އަދި އެގައުމުން މިދިޔަ އަހަރު އެމެރިކާއާއި ވެފައި އޮތް އެއްބަސްވުމަށް އަމަލު ކުރަން ފެށުން ކަމުގައެވެ. އަދި މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އެގައުމުގެ ސެންޓްރަލް ބޭންކުގެ ރިޒަރވް ދޫކޮއްދިނުމަށާއި، އެގައުމުގެ މީހުންނަށް ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ހޯދަން އަފްޣާންގެ ޑެލިގޭޝަނުން އެމެރިކާގެ ކިބައިން އެދިފައިވާނެކަމަށެވެ. މި ބައްދަލުވުމަށް ފަހު ޠާލިބާނުން ޔޫރަޕިއަން ޔޫނިއަންގެ އިސްފަރާތްތަކާއި ވެސް ބައްދަލު ކުރާނެއެވެ.

މި ބައްދަލުވުމުގެ ކުރިން އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވަނީ، މިބައްދަލުވުމުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް ގައުމުން ސަލާމަތާއެކު ބޭރުވެވޭނެކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރާނެމަށާއި، އަދި ޠާލިބާނުންގެ ބެލުމުގެ ދަށުގައި އެމެރިކާގެ ރައްޔިތެއްކަމުގައިވާ މާރކް ފްރެއިޗިސް ދޫކޮށްލުމަށް ބާރުއަޅާނެކަމަށެވެ. އަދި އަފްޣާނިސްތާނުގެ ބިން އަލުން އަނބުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ހާއްޔަކަށް ނުހެދުމަށް ޠާލިބާނުން އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ކަށަވަރުކުރާނެކަމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ޠާލިބާނުންގެ އެހީތެރިކަން ބޭނުންވާތީ އެކަމުގެ މައްޗަށްވެސް އަލިއަޅުވާލާނެކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ, އެމެރިކާގެ ފަރާތުން އެގައުމުގެ ޑެލިގޭޝަންގައި ސްޓޭޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ޓޮމް ވެސް އާއި އުސައިޑްގެ ފަރާތުން ސާރާ ޗަރލްސްއެވެ. އަދި ޠާލިބާނުންގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އެގައުމުގެ ސަރުކާރުގައި ހިމެނޭ އޮފިޝަލުންނެވެ.

20 އަހަރުވަންދެން އަފްޣާނިސްތާނުގައި އެމެރިކާއިން ތިބުމަށްފަހު އެގައުމުން ފައިބާފައިވާއިރު އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދަނީ ޠާލިބާނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved