މަގޭ ރިޕޯޓް
ގައުމިއްޔަތަކީ ވަކި ވަޒީރެއްގެ އިސްތަށިފުޅަށް ކަނޑާލެވެން އޮތް ޒިންމާއެއް ނޫނެވެ.
 
މުހައްމަދު ތަކުރުފާނުގެ ގައުމީ ޚިދުމަތުގެ މައްޗަށް އެކި ރޮނގުރޮނގުން ފިލްމު އުފެއްދޭނެ
 
ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއަށް ވެސް ފިލްމު އުފެއްދޭނެ
 
ގައުމިއްޔަތަކީ ތާރީޚޭ ބުނެ ހެރިޓޭޖް މިނިސްޓްރީއާ ހަމައިން ހަންޏެއް ނުކުރެވޭނެ
ކ. މާލެ |
ދިވެހި ގައުމިއްޔަތުގެ އަސާސްތައް ތަރުތީބު ކުރައްވައި ގައުމިއްޔަތުގެ ސިފަ ގެންނެވީ އުތީމު މަހާރަދުން
ރާއްޖެއެމްވީ

މިފަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށްޓަކައި ބޭއްވުނު ހަރަކާތެއްގައި ހޯމް މިނިސްޓްރީގެ ފަރާތުން ކުރެއްވި އިއުލާނަކާ ގުޅިގެން ނުވަތަ ހާމަކުރެއްވި ހާމަކުރެއްވުމަކާ ގުޅިގެން ވަރަށް ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.

ގައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ މުހައްމަދު ތަކުރުފާނުގެ ރަށް ކަމުގައިވާ ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބޭއްވި ޖަލްސާއެއްގައި ހޯމް މިނިސްޓްރީން ވަނީ މުހައްމަދު ތަކުރުފާނުގެ މަތިވެރި ގައުމީ ޖިހާދުގެ މައްޗަށް އައު ފިލްމެއް އުފެއްދުމުގެ މަޝްރޫއެއް އިއުލާންކޮށް އެ ފިލްމުގެ މަސައްކަތް އިފްތިތާހުކޮށްފައެވެ. މިނިސްޓްރީގެ އުއްމީދަކީ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ގައުމީ ދުވަހުގެ ކުރިން ނިންމައި ނެރުމެވެ.

މުހައްމަދު ތަކުރުފާނުގެ ގައުމީ ޖިހާދުގެ މައްޗަށް ފިލްމެއް ހެދުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ހުރިހާ ދިވެހިންވެސް އިއްތިފާގުވެއެވެ. އެކަމަކު ބައެއް ދިވެހީންގެ ސުވާލަކީ އެކަން ކުރަންވީ ހޯމް މިނިސްޓްރީން ހެއްޔެވެ. ހޯމް މިނިސްޓްރީއަކީ ފިލްމު އުފައްދާ ސްޓޫޑިއޯއެއް ހެއްޔެވެ. ފިލްމު އުފައްދައި ނެރުމަކީ ހޯމް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ހެއްޔެވެ.

އެފަދަ މީހުންގެ ނަޒަރުގައި މުހައްމަދު ތަކުރުފާނުގެ ޖިހާދަކީ މީގެ 462 އަހަރު ކުރީގެ ޖިހާދަކަށްވެފައި އެއީ މާދުރުގެ ތާރީޚަކަށްވާތީ މަސައްކަތުގެ މެންޑޭޓް ހޯމް މިނިސްޓްރީއަކަށް ނެތެވެ. އެކަން ކުރިޔަސް ކުރަންވާނީ އަދި އެޒިންމާ އޮތީ ތާރީޚާއި އާދަކާދައާ ބެހޭ މިނިސްޓްރީއަށެވެ. މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަށެވެ. އާދަކާދަޔާއި ތާރީޚާއި ގުޅޭ ކަންކަން ކުރަންވާނީ އެތަނުންނެވެ.

ތެދެކެވެ. މުހައްމަދު ތަކުރުފާނުގެ ޖިހާދަކީ ތާރީޚެވެ. ފަސް ގަރުނުވާން ކައިރިވެފައިވާ ތާރީޚެވެ. ހަމައެކަނި މި ނަޒަރިއްޔާތުން ވިސްނައިފިނަމަ އެބުނާ ފިލްމެއް ހަދަންވާނީ ތާރީޚާއި އާދަކާދަޔާއި ބެހޭ މިނިސްޓްރީންނެވެ. އެކަމަކު އަޅުގަނޑުގެ ރައުޔު ވަރަށް ތަފާތެވެ. މުހައްމަދު ތަކުރުފާނުގެ މަތިވެރިވެގެންވާ ގައުމީ ޖިހާދާއި އެ ތަކުރުފާނުގެ ބާރަ އަހަރުގެ ރަސްކަމަކީ ހުރިހައި ދާއިރާއަކުންވެސް ދިވެހި ގައުމިއްޔަތުގެ ބިންގައު އެޅުނު ސަފުހާތަކެވެ.

ދިވެހި ގައުމިއްޔަތަކީ މާޒީއެއް ނޫނެވެ. ތާރީޚެއް ނޫނެވެ. އެއީ މިއަދުވެސް ދިރިއޮތް އެއްޗެކެވެ. މާދަމަޔަށްވެސް ދެމިގެންދާނެ އެއްޗެކެވެ. އެއީ ދިވެހި ގައުމުގެ ފުރާނައެވެ. އެހެންވީމާ ގައުމިއްޔަތު ވަކި މިނިސްޓްރީއަކަށް ހަނިކޮށްފައި އެއީ ތާރީޚޭ ނުބުނެވޭނެއެވެ. ބުނެވިގެންވެސް ނުވާނެއެވެ. ގައުމިއްޔަތަކީ އިއްޔެއާއި މިއަދާއި މާދަމައެވެ.

ގައުމިއްޔަތު ދިރުވައި އާލާކޮށް މުހައްމަދު ތަކުރުފާނުގެ ފިލާވަޅުތަކުން ދިވެހިން ހޭލުންތެރިކޮށް ގައުމާމެދު ފަޚުރުވެރިވާން ދަސްކޮށްދިނުމަކީ ހަމަ ކޮންމެ މިނިސްޓްރީއަކާއި މުއައްސަސާއެއްގެ މެންޑޭޓުގެ ތެރެއިންވެސް ޖާގަލިބޭ ކަމެކެވެ. އެ މެންޑޭޓު ނެތް ހަމަ އެއްތަނެއްވެސް ނެތެވެ.

ފެއްސާއި ރަތާއި ހުދުގެ ދިދަ ނަގާފައިވާ ހަމަ ކޮންމެ މުއައްސަސާއަކަށް ވެސް މުހައްމަދު ތަކުރުފާނުގެ ޒިކުރާ އައުކޮށް އެ ޒިކުރާއިން ކަންކަން ހާސިލްކޮށް ގައުމިއްޔަތަށް ޚިދުމަތް ކުރެވޭނެއެވެ. އެއީ ކަލްޗަރ އެންޑް ހެރިޓޭޖުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ ވަކި ވަޒީރަކަށް ހަނިކޮށްގެން އެހެން މީހުން ދުރުގައި ބަލަން ތިބުން ލާޒިމުކުރާ ކަމެއް ނޫނެވެ. މިހެން ދަންވާން ޖެހޭ ސަބަބުތައް ބައިވަރެވެ. އެހެންވީމާ އެ ސަބަބުތައް ކޮންމެވެސް މިންވަރަކަށް ބަޔާންކުރާނަމެވެ.

ދުނިޔޭގެ އެންމެންވެސް އަޑަށް ބާރުލާފައި މިއަދު އެންމެ ގަދަޔަށް ވަކާލާތުކުރާ ފަލްސަފާޔަކީ މަލްޓިލެޓަރަލިޒަމްގެ ފަލްސަފާއެވެ. އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އެއްބައެއްގެ ކިބައިން އަނެއް ބަޔަކު ބާރުލިބިގެން އެއްބާރުލައިގެން ކަންކަމާ ކުރިމަތިލުމުގެ ފަލްސަފާއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެއް އަސާސަކީވެސް އެއީއެވެ. ދިވެހީންނަށް މި ފަލްސަފާ ތައާރަފުކޮށްދެއްވީ މުހައްމަދު ތަކުރުފާނެވެ. މީގެ 470 އަހަރު ކުރިން އެ ތަކުރުފާނު ކުރިއަށް ނެރުއްވީ މި ފަލްސަފާއެވެ.

ގައުމީ ޖިހާދު ކާމިޔާބު ކުރެއްވުމަށްޓަކައި އެ ތަކުރުފާނު އެހީތެރިކަން ހޯއްދެވީ ކައިރިކައިރީގައިވާ އަވައްޓެރިންގެ ކިބައިންނެވެ. ޚާރިޖީ ސިޔާސަތުގެ ގައުމީ ފަލްސަފާ ތައާރަފު ކުރެއްވީ އެ ތަކުރުފާނެވެ. މިއަދު މަލްޓިލެޓަރަލިޒަމް ކުރިއަރުވައި ދިވެހި ގައުމިއްޔަތުގައި އެ ފަލްސަފާ އަދާކޮށްފައިވާ ދައުރު ދޭސީންނާއި ބިދޭސީންނަށް ކިޔައިދޭންވާނީ ހަމައެކަނި ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ބާވައެވެ. ނޫނެކެވެ. ފޮރިން މިނިސްޓްރީން އެކަން ކުރެއެވެ. އެއީ އެ މިނިސްޓްރީގެ ވެސް ޒިންމާއެކެވެ.

ދައުލަތެކޭ ބުނެވޭ ފެންވަރަށް ދިވެހި ދައުލަތުގެ އެންމެހައި ކަންކަން ގައުމިއްޔަތުގެ ތަރުތީބަކުން ތަރުތީބު ކުރެއްވީ މުހައްމަދު ތަކުރުފާނެވެ. ގައުމީ ޚިދުމަތަށް އުޖޫރަދެވޭނޭ އަދި ޝަރަފުވެރިކަންވެސް ދެވޭނޭ ނިޒާމެއް ތައާރަފު ކުރައްވައި ދައުލަތް ހިންގުމުގެ ކަންކަމުގެ އިދާރީ އޮނިގަނޑެއް އެކުލަވާލައްވައި ރާއްޖޭގައި އަމިއްލަ ފައިސާއެއް އެންމެ ފުރަތަމަ ހިންގަވާން ފެއްޓެވީވެސް އެ ތަކުރުފާނެވެ.

މިކަމުގެ ހަނދާން އައުކުރުން އެއީ ފިނޭންސް މިނިސްޓްރީއަށް ނެތް ޒިންމާއެއް ބާވައެވެ. އެކަން ކުރިގޮތާއި އޭރުގެ ހާލަތު ސިފަކޮށްދިނުމުގެ ޒިންމާ އެ މިނިސްޓްރީގެ ކޮނޑުގައި ނޭޅޭބާވައެވެ. ނޫނެކެވެ. މިކަމާއިމެދު އެ މިނިސްޓްރީއަށް ފިލްމުވެސް އުފެއްދޭނެއެވެ. އުފައްދާންވެސް ވާނެއެވެ. ތާރީޚޭ ކިޔައިފައި އެ ޒިންމާ އެޅެނީ ހެރިޓޭޖުގެ ކޮނޑުގައި އެކަންޏެއް ނޫނެވެ.

މިރާއްޖޭގެ ގައުމިއްޔަތުގެ އެންމެ އަލިގަދަ ބައްތި ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ހުޅުކޮޅު ކަނިވެ ނިވެމުންދަނިކޮށް އެއަށް އިތުރު އަލިކަމެއް ގެނެސްދެއްވީ މުހައްމަދު ތަކުރުފާނެވެ. ތައުލީމުގެ އަލިކަން މުޅިން ކަހަލަ ގޮތަކަށް ފަނޑުވެފައި ވަނިކޮށް ވާދޫ ދަންނަކަލޭގެފާނު މެދުވެރި ކުރައްވައި ތައުލީމު ފެތުރުއްވުމުގެ ކަންކަން ތަނަވަސް ކޮށްދެއްވީ އެ ތަކުރުފާނެވެ.

ދީނީ ރޫހު ފަނޑުވެ ނިކަމެތިވެ މީސްތަކުން މިސްކިތްތަކާ ދުރުވެގެން ތިއްބައި އެކަން ބަދަލު ކުރެއްވުމަށް މާލެ އާއި އަތޮޅުތަކުގައި އެތައް އެތައް މިސްކިތެއް ބިނާ ކުރެއްވިއެވެ. މިވާހަކަ ވާހަކަ ފިލްމާއި ފޮޓޯޔާއި ދެންވެސް ހުރިއްޔާ ހުރި ވަސީލަތެއް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީއަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ނުދެއްކޭނެ ބާވައެވެ. ދައްކައިގެން ނުވާނެ ބާވައެވެ.

ނޫނެކެވެ. އެކަންކަން ކުރުމަކީ އެތަންތަނުގެ ވެސް ޒިންމާއެކެވެ. އެ ކަންކަމަށް ރިއާޔަތް ކުރީމާ ދިވެހި ގައުމިއްޔަތުގެ ބިންގައު އަޅުއްވައި ދެއްވި ތަކުރުފާނުގެ ގައުމީ ޚިދުމަތުން ދިވެހިން އެކަތިގަޑަކަށްވި ގޮތުން ލިބިގަންނަންވީ ފިލާވަޅުތަކުގެ މައްޗަށް ހޯމް މިނިސްޓްރީއަށް ފިލްމު އުފެއްދޭނެއެވެ.

ފުލުފުލުގައިވެސް އުފައްދަންވާނެއެވެ. މީސްމީހުންނަށް ބަޖެޓްދީގެން ވިޔަސް އެކަން ހުއްޓާނުލައި ކުރަންވާނެއެވެ. ގައުމިއްޔަތުގެ ކަންކަމަކީ ހޯމް މިނިސްޓްރީގެ ވެސް ޒިންމާއެކެވެ. އެއީ މުޖުތަމައުގެ ތެރެއިން ކޮންމެވެސް އެއްބަޔަކު ކުރީމާ ފުދެން އޮންނަ ނުވަތަ ކުރާނޭކަމަށް ބަލައިގެން ފުއްދެން އޮންނަ ކަމެއް ނޫނެވެ. އެއީ ކިފާޔަތުގެ ފަރުޟު ކަހަލަ ފަރުޟެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
100%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved