ނޯބަލް ސުލްޙައިގެ އިނާމް
ޕުޓިންއާއި ޑުޓާޓޭގެ ވެރިކަން ގުޑުވާލި ދެ ނޫސްވެރިންނަށް ނޯބަލްގެ ސުލްޙައިގެ އިނާމު
 
ޕުޓިން ވަނީ ޑިމިޓްރީ މުރަޓޯވަށް މަރުހަބާ ވިދާޅުވެފައި
 
ދެ ގައުމުގެ ސަރުކާރުގައި ހުރި ބޮޑެތި މައްސަލަތަކަށް އަޑު އުފުލާފައިވޭ
ކ. މާލެ |
ފިލިޕީންސްގެ މަރީއާ ރީސާއާއި، ރަޝިއާގެ ޑިމިޓްރީ މުރަޓޯވ
އޭއެފްޕީ

ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިންއާއި، ފިލިޕީންސްގެ ރައީސް ރޮޑްރިގޭ ޑުޓާޓޭގެ ވެރިކަމަށް ކެރިގެން ފާޑުކިޔައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކޮށްފައިވާ މަސައްކަތް ފާހަގަކޮށް 2 ނޫސްވެރިއަކަށް ނޯބަލްގެ ސުލްހައިގެ އިނާމް ދީފިއެވެ.

މި އިނާމް ދީފައިވަނީ ފިލިޕީންސްގެ މަރީއާ ރީސާއާއި، ރަޝިއާގެ ޑިމިޓްރީ މުރަޓޯވް އަށެވެ. ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ދެ ނޫސްވެރިން ވަނީ ރަޝިއާއާއި ފިލިޕީންސްގައި ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، އެ ދެ ގައުމުގެ ސަރުކާރުގައި ހުރި ބޮޑެތި މައްސަލަތަކަށް އަޑު އުފުލައި، ދުނިޔެއަށް އެ އަޑު އިއްވައިދީފައެވެ.

ނޯބަލްގެ ސުލްހައިގެ އިނާމު ކޮމިޓީގެ ޗެއަރމަން ބެރިތްރީސް އެންޑަރސަން ވިދާޅުވީ، އެ ދެ ނޫސްވެރިންނަށް ސުލްހައިގެ އިނާމު ދީފައިވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުންނާއި، އެކަމުގައި ދެއްކި ހިތްވަރުގެ ސަބަބުން ކަމަށެވެ. އަދި އެއީ ހުރިހާ ނޫސްވެރިންނަށްވެސް މިސާލެއްގެ ގޮތުގައި ބެރިތްރީސް ވަނީ ސިފަ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އެ ދެ ނޫސްވެރިންގެ ސަބަބުން ދެ ގައުމުގެ ރައީސުންނަށްވެސް ވެރިކަމުގައި ހިނގާ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިނިވަން އަދި ސައްހަ މައުލޫމާތުގެ ތެރެއިން ނޫސްވެރިކަން ކުރުމަކީ ގައުމުތަކުގައި ހިނގާ ނޭއްގާނި ކަންކަން ހުއްޓުވުމަށް އޮތް ރަނގަޅު މަގެއް ކަމަށެވެ.

އޭނާ އެހެން ވިދާޅުވެފައިވާއިރު، ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ ޑިމިޓްރީ މުރަޓޯވަށް މަރުހަބާ ވިދާޅުވެފައެވެ.

އެވޯރޑް ލިބުނު ދެ ނޫސްވެރިންގެ ތެރެއިން ޑިމިޓްރީ މުރަޓޯވް ވަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ކުރާ ދަތުރުގައި މަރާލެވިފައިވާ 6 މީހަކަށް އޭނާގެ އެވޯރޑް ޚާއްސަ ކޮށްފައެވެ. އެ ހަ މީހުންގެ ތެރޭގައި ނޫސް ރިޕޯޓަރުންނާއި، އެކްޓިވިސްޓުން ހިމެނޭކަމަށް ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ.

އޭގެ އިތުރުން، މެނީލާގައި ހުރެ ރޮއިޓަރސްއަށް ދިން އިންޓަރވިއުއެއްގައި މަރީއާ ރީސާ ބުނެފައިވަނީ މި އިނާމަކީ "ހަލާކުވެފައިވާ ދުނިޔެއެއް" އަލުން އާރާސްތު ކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރު ދައްކުވައިދޭ މިސާލެއް ކަމަށެވެ. އަދި ނޫސްވެރިއަކަށް ވުމަކީ ފަސޭހަކަމެއް ނޫންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި އިނާމަކީ 1935 ވަނަ އަހަރު ޖަރުމަނުގެ ކާލް ވޮން އޮސިޒްކީއަށް މި އިނާމު ލިބުނު ފަހުން ނޫސްވެރިއަކަށް ނޯބަލް ސުލްޙައިގެ އިނާމު ލިބުނު ފުރަތަމަ ފަހަރެވެ. ކާލް އަކީ އޭރު ޖަރުމަނުގެ ހަނގުރާމައިގެ ކަންކަމުގެ ވާހަކަ ދައްކައި، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައި ނޫސްވެރިއެކެވެ.

މަރީއާ ރީސާއާއި، ޑިމިޓްރީ މުރަޓޯވަށް ރަސްމީކޮށް އިނާމު ޙަވާލު ކުރުން އޮންނާނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved