އަފްޣާނިސްތާނުގެ ހާލަތު
އަފްޣާނިސްތާނުން ފޭބިފަހުން ފުރަތަމަ ފަހަރަށް އެމެރިކާއިން ތާލިބާނުންނާއެކު ބައްދަލުވުމެއް ބާއްވަނީ
 
މިބައްދަލުވުމަކީ ތާލިބާން ސަރުކާރު ބަލައިގަތުމާއި ގުޅޭގޮތުން ވާހަކަދައްކާ ބައްދަލުވުމެއް ނޫން
 
އަލުން ޓެރަރިސްޓް ހާއްޔަކަށް ނުހެދުމަށް އެއްބަސްވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ކަށަވަރުކުރާނެ
 
ދޯހާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިބައްދަލުވުން ކުރިޔަށްދާނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު
ކ. މާލެ |
ތާލިބާންގެ ހަނގުރާމަވެރިއެއް
ރޮއިޓަރސް

އޮގަސްޓްމަހުގެ 31 ވަނަ ދުވަހު އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބިފަހުން ފުރަތަމަ ފަހަރަށް އެމެރިކާއިން ތާލިބާނުންނާއެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސީނިއަރ ދެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދޯހާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިބައްދަލުވުން ކުރިޔަށްދާނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުއެވެ. 20 އަހަރުވަންދެން އަފްޣާނިސްތާނުގައި އެމެރިކާއިން ތިބުމަށްފަހު އެގައުމުން ފައިބާފައިވާއިރު އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދަނީ ތާލިބާނުންނެވެ.

ތާލިބާނުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ އެމެރިކާގެ ޑެލެގޭޝަންގައި ސްޓޭޓް ޑިޕާޓްމަންޓާއި އުސައިޑް އަދި ޔޫއެސް އިންޓެލިޖެންސް ކޮމިޔުނިޓީގެ އޮފިޝަލުން ހިމެނެއެވެ. މިބައްދަލުވުމުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް ގައުމުން ސަލާމަތާއެކު ބޭރުވެވޭނެކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ. އަދި ތާލިބާނުންގެ ބެލުމުގެ ދަށުގައިވާ އެމެރިކާގެ ރައްޔިތެއްކަމުގައިވާ މާރކް ފްރެއިޗިސް ދޫކޮށްލުމަށް ބާރުއަޅާނެކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަފްޣާނިސްތާނުގެ ބިން އަލުން އަނބުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ހާއްޔަކަށް ނުހެދުމަށް ތާލިބާނުން އެއްބަސްވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ކަށަވަރުކުރާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ތާލިބާނުންގެ އެހީތެރިކަން ބޭނުންވާތީ އެކަމުގެ މައްޗަށްވެސް އަލިއަޅުވާލާނެކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވިއެވެ.

އެމެރިކާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މީގެކުރިން ތާލިބާނުންނާއެކު ކުރިޔަށްގެންދިޔަ ވާހަކަތަކުގައި އުޅުއްވި ޒަލްމޭ ޚަލީލްޒާދް މިފަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެއެވެ.

އެމެރިކާގެ ޑެލިގޭޝަންގައި ސްޓޭޓް ޑިޕާޓްމަންގެ ޑެޕިޔުޓީ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ޓޮމް ވެސް އާއި އުސައިޑްގެ ފަރާތުން ސާރާ ޗަރލްސް ބައިވެރިވެވަޑައިގަންނަވާއިރު ތާލިބާނުންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ތާލިބާނު ސަރުކާރުގައި ހިމެނޭ އޮފިޝަލުންނެވެ.

މިބައްދަލުވުމަކީ ތާލިބާން ސަރުކާރު ބަލައިގަތުމާއި ގުޅޭގޮތުން ވާހަކަދައްކާ ބައްދަލުވުމެއް ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ތާލިބާންގެ ސަރުކާރު ބަލައިގަންނާނީ ތާލިބާނުން އެކަމަށްޓަކައި ކުރާ މަސައްކަތުގެ މައްޗަށްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved