ކޮވިޑް-19 ވެކްސިންގެ ހާލަތު
މަދުން އާމްދަނީ ލިބޭ ގައުމުތަކަށް މޮޑާނާއިން އަންނަ އަހަރު އިތުރު އެއް ބިލިއަން ޑޯޒް ޚާއްސަކުރަނީ
 
ދުނިޔޭގެ 250 މިލިއަނަށްވުރެ ގިނަ މީހުން މޮޑާނާ ވެކްސިން ޖަހާފައިވޭ
 
މިއީ އަންނަ އަހަރު އުފެއްދޭނެކަމަށް އަންދާޒާކޮށްފައިވާ ތިން ބިލިއަން ޑޯޒްގެ ތެރޭގައި ހިމެނޭ ޑޯޒްތަކެއް
ކ. މާލެ |
މޮޑާނާ ކޮވިޑް ވެކްސިން
ރޮއިޓަރސް

ކޮވެކްސް ފެސިލިޓީގެ ދަށުން މޮޑާނާއިން ވެކްސިން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ އިތުރުން އަންނަ އަހަރު މަދުން އާމްދަނީ ލިބޭ ގައުމުތަކަށް އެއް ބިލިއަން ޑޯޒް ދޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިއީ އަންނަ އަހަރު އެކުންފުންޏަށް އުފެއްދޭނެކަމަށް މިހާރު އަންދާޒާކޮށްފައިވާ ދެ ބިލިއަނާއި ތިން ބިލިއަން ޑޯޒްގެ ތެރޭގައި ހިމެނޭ ޑޯޒްތަކެވެ. މޮޑާނާގެ ވެބްސައިޓްގައި އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސްޓެފަން ބެންސެލްގެ ސިޓީއެއް ޕޯސްޓްކޮށްފައިވާއިރު އެސިޓީގައި ވިދާޅުވެފައިވަނީ މިހާތަނަށް އައިއިރު މުޅި ދުނިޔޭގެ 250 މިލިއަނަށްވުރެ ގިނަ މީހުން މޮޑާނާ ވެކްސިން ޖަހާފައިވާކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ ގިނަ ހިސާބުތަކުގައި އަދިވެސް ވެކްސިން ހޯދުމަށް ދަތިތަކެއް ހުރިކަމަށް ގަބޫލުކުރައްވާކަމަށް އެސިޓީގައި ވިދާޅުވެފައިވެއެވެ.

ބުރާސްފަތި ދުވަހު މޮޑާނާއިން ވަނީ އެފްރިކާގައި 500 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން ފެކްޓްރީއެއް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ. މިފެކްޓްރީން އަހަރެއްގެ މައްޗަށް 500 މިލިއަން އެމްއާރުއެންއޭ ވެކްސިން ޑޯޒް އުފައްދާނެއެވެ. އޭގެތެރޭގައި ކޮވިޑަށް ޚާއްސަކޮށްފައިވާ ވެކްސިންވެސް ހިމެނެއެވެ.

މޮޑާނާއިން ވަނީ މިއަހަރުގެ މެއި މަހު 500 މިލިއަން ޑޯޒް ކޮވެކްސް ފެސިލިޓީއަށް 2021 ވަނަ އަހަރުގެ ހަތަރު ވަނަ ކުއަރޓާ އާއި 2022 ވަނަ އަހަރު ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ސްޓެފަންގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިން ބޭނުންނުވާ ހިސާބަށް ދަންދެން އެކުންފުނިން ވެކްސިން އުފައްދާ މިންވަރު އިތުރު ކުރާނެކަމަށާއި އަދި ސަޕްލައިވެސް ކުރަމުންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved