އަފްޣާނިސްތާނުގެ ހާލަތު
އަފްޣާނިސްތާނުގެ މިސްކިތެއްގައި އަމިއްލަޔަށް މަރުވެގެން ދިން ހަމަލާއެއްގައި ވަރަށް ގިނަ ބަޔަކު މަރުވެއްޖެ
 
މިހަމަލާގައި 46 މީހުން މަރުވެފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު 143ށް އަރާ
 
ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގާފައި
 
ފާއިތުވި ހަފުތާތަކުގައި އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި މިފަދަ ހަމަލާތަކެއް ދީފައިވޭ
ކ. މާލެ |
މިސްކިތަށް ދިން ހަމަލާއަށްފަހު
ރޮއިޓަރސް

އަފްޣާނިސްތާނުގެ އިރުއުތުރު ޕްރޮވިންސެއްކަމުގައިވާ ކުންޑުޒްގެ މިސްކިތެއްގައި ދިން ހަމަލާއެއްގައި މިސްކިތުގައި ނަމާދުކުރަން ތިބި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މިއީ އެއް ހަފުތާތެރޭގައި އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށް ދިން މިފަދަ ތިން ވަނަ ހަމަލާއެވެ. އަފްޣާނިސްތާނުގެ ސަރުކާރުން ހިންގަމުންދާ ނިއުސް އެޖެންސީ ބަޚްތަރު އިން ބުނެފައިވާ ގޮތުގައި މިހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގާފައެވެ. މިހަމަލާގައި 46 މީހުން މަރުވެފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު 143ށް އަރައެވެ. އެހެންނަމަވެސް ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަލާގައި މަރުވި މީހުންގެ އަދަދު އުޅޭނީ 70 އާއި 80 އާ ދޭތެރޭގައެވެ.

މިއީ އަފްޣާނިސްތާނުގެ މައިނޯރިޓީން ކަމުގައިވާ ޝީޢީން އަޅުކަންކުރަމުން ގެންދާ މިސްކިތެކެވެ. މިހަމަލާއާ ގުޅިގެން މިސްކިތަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިސްކިތްތެރޭގައި ވަނީ ލެއާއި މިސްކިތުގެ ހަލާކުވެފައިވާ ބައިތަކެވެ.

މިހަމަލާއާ ގުޅިގެން މިހާރު އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އދ ގެ މިޝަންއިން ބުނެފައިވަނީ މިއީ އަފްޣާނިސްތާނުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށެވެ. ފާއިތުވި ދުވަސްތަކުގައި ވަނީ ކާބުލްގައި ހުރި މިސްކިތެއްގައިވެސް މިފަދަ ހަމަލާއެއްދީފައެވެ. އަދި ދީނީ ތައުލީމުދޭ ސްކޫލެއްގައިވެސް މިފަދަ ހަމަލާއެއް ދީފައިވެއެވެ.

ފާއިތުވި ހަފްތާތަކުގައި އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި މިފަދަ ހަމަލާތަކެއް ދީފައިވާއިރު މީގެތެރެއިން ބައެއް ހަމަލާތަކުގެ ޒިންމާ ސުންނީ ޖަމާއަތެއްކަމުގައިވާ އިސްލާމިކް ސްޓޭޓުން ވަނީ ނަގާފައެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިޔަފަހުން އިސްލާމިކް ސްޓޭޓުން އަންނަނީ މިފަދަ ހަމަލާތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
100%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved