ހަމްޕު އާއި ދަގަނޑޭގެ ފޮޓޯ
ތަފާތު ދެ ފޮޓޯއެއް، ބުނެދެނީ އެއް ވާހަކައެއް
 
ޕެލޭ އުރާލައިގެން ނަގާފައިވާ ފޮޓޯއާ ދާދި އެއްގޮތް ފޮޓޯއެއް
 
ރާއްޖޭގެ އުއްމީދީ ތަރިންގެ ތެރެއިން ހަމްޕު ފާހަގަވެގެންދޭ
ކ. މާލެ |
ހަމްޕު އާއި ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ދާދި އެއްގޮތް ފޮޓޯ
އަދަދު / ގެޓީ އިމޭޖަސް

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުރާސްފަތި ދުވަހުގެރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން ފެނުނު އެންމެ ތަފާތު އެއް ފޮޓޯއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ރާއްޖޭގެ އުއްމީދީ ތަރި ހަމްޒާ މުޙައްމަދު (ހަމްޕު) އުރާލައިގެން ހުރި ފޮޓޯއެވެ. މި ފޮޓޯއިން ހަމަގައިމުވެސް ގިނަ ވާހަކަތަކެއް ބުނެދެއެވެ. މި ފޮޓޯ އާއި ބްރެޒިލުގެ ކުޅުންތެރިޔަކު ފުޓްބޯޅަ ލެޖެންޑް ޕެލޭ އުރާލައިގެން ނަގާފައިވާ ފޮޓޯއާ ދާދި އެއްގޮތެވެ. އެހެންވެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މި ދެ ފޮޓޯ ވަނީ ހިއްސާކޮށްފައެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑް ދަގަނޑޭގެ ކެރިއަރުގެ ފަހު ދުވަސްކޮޅެވެ. ދަގަނޑޭ ރިޓަޔާކުރަންދާއިރު، އަދިވެސް ދިވެހި ގައުމުގައި ދަގަނޑޭ ފެންވަރުގެ ކުޅުންތެރިޔަކު ނެތެވެ. އެކަމަކު ހަމްޕު ކަހަލަ ހުނަރުވެެރި އެތައް ކުޅުންތެރިޔަކު މިހާރުވެސް އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ. އުއްމީދީ ތަރިންގެ ތެރެއިން ހަމްޕު ފާހަގަވެގެން ދިޔައީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. އޭގެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެ އެ ޓީމުގައިވެސް ތަފާތު މޮޅު ކުޅުމެއް ހަމްޕު އަންނަނީ ދައްކަމުންނެވެ.

ހަމްޕު ހިފެހެއްޓުމަކީ އިދިކޮޅު ކުޅުންތެރިންނަށް އުނދަގޫ ކަމެކެވެ. ތިިން ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލައި، އިދިކޮޅު ގޯލަށް ނުރައްކާކުރުމުގެ ހުނަރު ހަމްޕުގެ އެބަހުއްޓެވެ. އެއީ ދަގަނޑޭގެ ރަން ޒަމާނުގައި އޭނާގެ ފަރާތުން ފެނުނު ކުޅުމެވެ. ދަގަނޑޭ ވަނީ ގައުމީ ރަސްމީ ދަނޑުގައި އޭނާގެ ކޮއްޓުމުގެ ހުނަރުގައި ދިވެހީން އާޝޯހުކޮށްފައެވެ. އެ ފަހުން މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ހަމްޒާގެ ފަރާތުން ފެންނަ ކުޅުމަށް ދިވެހި ސަޕޯޓަރުން އަންނަނީ ތައުރީފުކުރަމުންނެވެ.

ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި މެޗުގައި ހަމްޕު ލަނޑު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. އޭނާ މި ހިތްގައިމު ލަނޑު ކާމިޔާބުކޮށްފައިވަނީ ބައިސްކަލް ކިކަކުންނެވެ.

އެއަށްފަހު ހަމްޕު މި ލަނޑު ހާއްސަކުރީ ދިވެހި ސަޕޯޓަރުންނަށެވެ. ގައުމީ ފުޓުބޯޅަ ދަނޑު ފަޅަށް އޮވެ ގިނަ މެޗުތަކެއް ކުޅުމަށްފަހު، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕާ އަމާޒުކޮށް ގައުމީ ފުޓްބޯޅަ ދަނޑު ދިވެހި ސަޕޯޓަރުންނާއެކު ވަނީ ފުރާލާފައެވެ. މި ލަނޑަކީ ހަމްޕުއަށް އެހެން ގޮތަކުންވެސް ހާއްސަ ލަނޑެކެވެ. އެއީ މީގެ ކުރިން 2015 ވަނަ އަހަރު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ހަމްޕު ކާމިޔާބުކުރި ލަނޑު އެއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ލަނޑު ކަމަށްވާތީއެވެ.

*ނޯޓް: މި އާޓިކަލްގައި ބޭނުންކޮށްފައިވާ ހަމްޕު އާއި ދަގަނޑޭގެ ފޮޓޯއަކީ ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" ގެ ފޮޓޯގްރާފަރު ޝަޔާހް ޝަފީގް ނަގާފައިވާ ފޮޓޯއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
14%
އަންތަރީސް ވެއްޖެ
14%
އުފާ ވެއްޖެ
14%
ދެރަ ވެއްޖެ
14%
ރުޅި ގަދަ ވެއްޖެ
43%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved