ސޯޝަލް މީޑިއާ
ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފާކަށް ނުވޭތަ؟
 
ޓުވިޓަރ ނޫނީ ފޭސްބުކުން އާންމުންނާއި ހަމައަށް ކަންކަން ފޯރަނީ ހަލުވި ސްޕީޑެއްގައި
ކ. މާލެ |
މީހަކު ފޯނެއްގައި
ރާއްޖެއެމްވީ

ޒަމާން ތަރައްގީވެ ކުރިއަރައި ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް މިއަދު ދަނީ ބޭނުން ކުރަމުންނެވެ. ރާއްޖޭގައި ވެސް މިފަދަ ވަސީލަތްތައް އަންނަނީ ބޭނުންކުރަމުންނެވެ. ކޮންމެ މީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮންނައިރު ސޯޝަލް މީޑިއާގެ ގިނަ ވަސީލަތްތައް ބޭނުންކުރަމުންދާ މީހުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

މިހާރު ކަމެއް ހިނގައި ދިޔައަސް، ކަމަކަށް ހައްލު ހޯދުމަށް ވިޔަސް ޓުވިޓަރ ނޫނީ ފޭސްބުކުން އެކަމެއް އާންމުންނާއި ހަމައަށް ފޯރަނީ ހަލުވި ސްޕީޑެއްގައެވެ. ކަން މިހެން ހުރިއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރާ ވާހަކަތަކާއި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ލިބިގެންދެއެވެ.

މިކަމުގެ އެއް މިސާލަކީ ދާދި ފަހުން ހިނގާ ދިޔަ ހާދިސާއެކެވެ. ހިޔާ ފްލެޓް ސަރަހައްދުން މަންމައަކު ކުއްޖަކު ބުރަކަށްޓަކައި ލައިގެން ހިނގާފައިދާ ވީޑިއޯއެއް އާންމުވެގެން ދިޔައެވެ. މިވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައިރު ވީޑިއޯގެ ސަބަބުން މި މައްސަލައަށް ވަގުތުން ވަގުތަށް ހައްލު ވެސް ލިބިގެންދިޔައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ހަމަޖައްސައިދީފައެވެ. މިއީ ސޯޝަލް މީޑިއާގެ ސަބަބުން އާންމު މައްސަލައަކަށް ހައްލު ލިބިގެންދާނެ ކަމުގެ އެއް މިސާލެވެ.

ގިނަ ފަހަރަށް ސަރުކާރުގެ މުއައްސަސާތަކުގެ ދޮރުގައި ޓަކި ޖެހިޔަސް ނުވަތަ ސިޓީއެއް ލައިގެން ކަމަކަށް އެދުނަސް އެކަމެއް ހައްލުވާތަން ފެނިގެނެއް ނުދެއެވެ. ސިޓީއަކަށް ޖަވާބު ނުލިބިގެން އެތައް މަހެއް ވެގެން ދިޔައަސް، ސިޓީގެ ކަންތައް ރިސެޕްޝަނުގައި އިންނަ ކުއްޖާއަށް ވެސް ނޭނގޭ ހާލަތަށް އެބަދެއެވެ. ސިޓީ ލުމަށްފަހު "ކަމާއި ގުޅޭ އިދާރާއަކުން ޖަވާބު ދޭނޭ" ބުނެ ނިންމާލާ ފަހަރު ވެސް އާދެއެވެ. އެހެންނަމަވެސް ފެންނަން އޮތް ހަގީގަތަކީ އެ މައްސަލައެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ކަމާއި ގުޅޭ އިދާރާތަކަށާއި އެތަނުގެ އިސްވެރިންގެ ސަމާލުކަމަށް އަންނަލެއް އަވަސް ވާނެއެވެ. ޖަވާބު ލިބޭގޮތް ވެސް އަވަސްވާނެއެވެ.

ކަމެއް ހައްލުނުވުމުން ނުވަތަ ކަމަކަށް ޖަވާބު ނުލިބި ލަސްވާނަމަ އެކަމެއް ހުށަހެޅުމުގެ ބަދަލުގައި މިހާރު ގިނަ މީހުން ޚިޔާރު ކުރަނީ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ބަންޑުންކޮށްލުމެވެ. އެހެން އެކަން ކުރުމުން ގިނަ ބަޔައްގެ ސަމާލުކަން އެކަމަށް ހުއްޓި، އިދާރާތަކުގެ އިސްވެރިންގެ ސަމާލުކަމަށް އަންނަލެއް ވެސް އަވަސްވާނެއެވެ. ގިނަ ފަހަރަށް މުއައްސަސާއަކުން މައުލޫމާތު ހޯދުމަށް މަސައްކަތް ކުރިޔަސް ޖަވާބު ނުލިބޭތަން އާދެއެވެ. އެމީހެއްގެ ފޯނަށް ގުޅާ އަވަދިވާއިރު ފޯނަށް ޖަވާބު ނުދޭކަން ވެސް ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް އެ އިސްވެރިޔެއްގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުން ނުވަތަ އިދާރާއެއްގެ އެކައުންޓުން އެކަމާއި ގުޅިގެން ޓުވީޓު ކުރާ ފަހަރު ގިނައެވެ. ޓުވިޓަރއަށް ބަރޯސާވާ މިންވަރު މިވަނީ އިތުރުވެފައެވެ. ޚަބަރުވެސް ހަދަން މިޖެހެނީ ޓުވިޓަރ އަށް ބަރޯސާވެގެންނެވެ.

ކަން މިހެން ހުރިއިރު ސޯޝަލް މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުން ގިނައެވެ. މައްސަލަތައް ހައްލު ކުރުމަށްވުރެ މައްސަލަތައް އުފެދުމަށް ނުވަތަ ފިތުނަ އުފެއްދުމަށް ވެސް ސޯޝަލް މީޑިއާ އެހީތެރިވެދެއެވެ. ވަރަށް ގިނަ ފަހަރަށް ކަމެއް ހިނގައި ދިޔުމުން އެކަމުގެ ދެކޮޅު ބަލާނުލާ ވީޑިއޯތައް އަޕްލޯޑްކޮށް އެމީހުންގެ ހިތަށް ނުވަތަ ލޮލަށް ފެންނަ ގޮތަށް އެ ކަން ހިނގައި ދިޔަ ގޮތް ހިއްސާ ކުރެއެވެ.

ކޮންމެ ކަމެއްގައި ވެސް ދެކޮޅު އޮންނާނެއޭ ބުނާފަދައިން މިފަދަ ކަމެއް ކުރާއިރު ކަމުގެ ހަގީގަތް ބެލުމަށްފަހު އެކަމެއް ހިއްސާ ކުރާނަމަ ހާދަހާ ރަނގަޅުވާނެއެވެ. ބައެއް ފަހަރު ކުރެވޭ ތުހުމަތެއްގެ މައްޗަށް ކުރާ މިފަދަ ކަންކަމުގެ ސަބަބުން ދެން ހުންނަ މީހާގެ އަބުރު ގެއްލި، އެމީހާއާ ދޭތެރޭގައި މީހުން ދެކޭ ގޮތް ތަފާތުވެގެންދެއެވެ. އަދި އެމީހާއަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރިމަތި ކުރެއެވެ.

ސޯޝަލް މީޑިއާއަކީ ވެސް ރަނގަޅު ގޮތުގައި ބޭނުންކުރާނަމަ އެކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފިދާނެ ވަސީލަތަކެވެ. ކުރިން ދެންނެވި ފަދައިން ހިޔާ ފްލެޓު ސަރަހައްދުގައި ބަހުގެ ޚިދުމަތް ލިބެން ނެތުމުން އެކަމުގައި ހުރި ކަންބޮޑުވުން ރައްޔިތުން ހިއްސާކުރުމުން އެކަމަށް ހައްލު ލިބިގެން ހިނގައްޖެއެވެ. މައްސަލަ ޖެހޭ ނުވަތަ ފިތުނަ އުފެދޭ ފަދަ މައްސަލަތައް އާންމު ކުރަން ސޯޝަލް މީޑިއާގެ ބޭނުން ހިފައިފިނަމަ މުޖުތަމައުގައި އުފެދޭނީ ފިތުނައެވެ. އޭގެ ބަދަލުގައި ސޯޝަލް މީޑިއާއަކީ ވެސް ހެޔޮ ގޮތުގައި ބޭނުން ހިފައިފިނަމަ ރައްޔިތުންނަށް ހުރި ފަސޭހައަކަށް ވެގެންދާނެ ވަސީލަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
50%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
50%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved