ރާއްޖޭގެ ފަތުރުވެރިކަން
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 ލައްކައާ ގާތްކޮށްފި، އިންޑިއާ ފަތުރުވެރިންގެ ހިއްސާ ބޮޑު!
 
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 2 ލައްކަ ފަތުރުވެރިން ނިސްބަތްވަނީ އިންޑިއާއަށް
 
ހޯމް ސްޓޭ ޓޫރިޒަމް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް
 
މިމަހުގެ ފުރަތަމަ ފަސް ދުވަހު 19،501 ފަތުރުވެރިން އައި
ކ. މާލެ |
ރާއްޖެ އަންނަ ފަތުރުވެރިން
ސަން އޮންލައިން

މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2 ލައްކައިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 890،363 އަށް އަރާފައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިންޑިއާ މާކެޓެވެ. އިންޑިއާ މާކެޓުން 204،530 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ. 174،095 ފަތުރުވެރިންނާއެކު ރަޝިއާ އޮތީ ދެވަނައިގައެވެ. އަދި 55،707 ފަތުރުވެރިންނާއެކު ޖަރުމަނު ހިމެނެނީ ތިންވަނައިގައެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 1 އިން 5 އަށް ރާއްޖެ އައިސްފައިވަނީ 19،501 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 15.6 އިންސައްތައިގެ ދަށްވުމެކެވެ. އަދި 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 521.1 އިންސައްތައިގެ ކުރިއެރުމެކެވެ. މި މުއްދަތުގައި ދުވާލެއްގެ މައްޗަށް 3،900 ފަތުރުވެރިން އަންނަކަމަށް ރެކޯޑުކުރެވިފައިވާއިރު، އެމީހުން 8 ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

އޯގަސްޓު މަސް ވެފައިވަނީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަށެވެ. އެއީ 143،599 ފަތުރުވެރިންނެވެ. މި އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ސެޕްޓެމްބަރު މަހުއެވެ. އެއީ 114،896 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާޗް މަހުއެވެ. މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 101،818 ފަތުރުވެރިންނެވެ.

ކޮިޑް-19ގެ ކުރިން ރާއްޖޭގައި ހުރި 1،102 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީގެ ތެރެއިން 888 ފެސިލިޓީ ވަނީ ޚިދުމަތަށް ހުޅުވާލާފައެވެ. އަދި 51،166 ބެޑް މިވަގުތު އެބަހުއްޓެވެ. މީގެ ތެރޭގައި ހިމެނެނީ 157 ރިސޯޓެއްގައި ހުރި 36،974 އެނދާއި، 587 ހޮޓާ އަދި ގެސްޓްހައުސްތަކުގައި ހުރި 11،346 އެނދުގެ އިތުރުން 144 ސަފާރީއެއްގައި ހުރި 2،846 އެނދެވެ. މިވަގުތު އެންމެ ގިނަ ގެސްޓްހައުސް ހިންގަމުންދަނީ ކ. އަތޮޅުގައެވެ. ކ. އަތޮޅުގައި 224 ގެސްޓްހައުސްއެއް މިވަގުތު ހިންގައެވެ. އަދި އއ. އަތޮޅުގައި 118 ގެސްޓްހައުސްއެއް ހިންގަމުންދާއިރު، އދ. އަތޮޅުގައި 65 ގެސްޓްހައުސްއެއް ހިންގަމުން ގެންދެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ޚިދުމަތަށް އިތުރު އެނދުތައް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި ހޯމް ސްޓޭ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާކަމަށާއި، މީގެ ސަބަބުން އަތޮޅުތެރެއަށް އިތުރު ކުރިއެރުންތަކާއި، ފައިދާތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުޑަ އަގެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved