ޝާހިދު ރާއްޖެ ވަޑައިގަތުން
ޝާހިދަށް ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވިއްޖެތޯ؟
 
ބޭރުގެ ބޭފުޅަކާ ކައިވެނި ބައްލަވައިގަތުމުގެ ޝައުގެއް ނެތް
 
އާންމުކޮށް ބައްލަވަނީ މަޖާ ފިލްމު
 
އާންމު ދިރިއުޅުމުގައި ކަސްރަތު ކުރައްވާ
ކ. މާލެ |
އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވަނީ އެމަނިކުފާނުގެ އާންމު ދިރިއުޅުމުގެ ކަންކަމާއި، މިޒާޖު ވަރަށް ލުއިގޮތަކަށް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން އދ. ތަމްސީލުކުރާ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ގައުމީ ދުވަހާ ދިމާކޮށް އަމިއްލަ ވަޒަނަށް ޒިޔާރާތް ކޮށްލެވުނީތީ އުފާ ކުރައްވާ ކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މިކަންކަން ފާހަގަކުރެއްވީތީ ހިތްހަމަޖެހުން ލިބިވަޑައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ޚަރިޖީ ވަޒީރާ ބައްދަލުކުރެއްވިއްޖެތޯއާއި ޚާރިޖީ ވަޒީރުކަމުގެ ޒިންމާ އެއްފަހަރާ އަދާކުރެއްވޭތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ މީގައި ދިވެހިރާއްޖޭގައި ކަން ކުރާ ގޮތާއި، ބޭރު ދުނިޔޭގައި ކަން ކުރާ ގޮތާއިމެދު ވިސްނާލެވިދާނެ ކަމަށެވެ. މީގެ ކުރިންވެސް ގައުމުތަކުގެ ޚާރިޖީ ވަޒީރުން އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ މަގާމުގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަން ކަމަށް ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން ސަމާސާ ގޮތަކަށް ޝާހިދު ވިދާޅުވީ މިހުންނަނީ އިދިކޮޅަށް ޚިޔާލު ފާޅުކުރާނެ ބަޔަކު ތިބޭތީއާއި، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ދައްކާ ވާހަކަތައް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ކެއިން ބުއިމުގެ ކަންކަން ބައްޓަންކުރައްވާ ގޮތާއި، ކަސްރަތު ކުރެއްވުމާއި، އަވަހާރަފުޅުލެއްޕެވުމުގެ ކަންކަން ރޭވިފައި ހުންނަ ގޮތާއި ގުޅޭގޮތުން ވިދާޅުވީ ކަސްރަތު ކުރެއްވޭތޯ އަބަދުވެސް ބައްލަވާ ކަމަށެވެ. މަސައްކަތް ކުރެވޭނީ ހަކަތަ ހުރެގެން ކަމަށާއި، މީހުންނާ ބައްދަލުކުރައްވާއިރު، ސިކުނޑި ތާޒާކޮށް ހުންނާނީ ކަސްރަތުކުރައްވައި، ރަނގަޅަށް ކޭން ބައްލަވައި، އަދި އަރާމުކުރައްވައިގެން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ޝެޑިއުލް އޮތް ގޮތުން ކަސްރަތު ކުރެއްވުމަށް ކޮންމެވެސް ވަރަކަށް ފަރުވާ ކުޑަ ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ބަރުދަނަށް މާ ބޮޑު ބަދަލެއް އަންނާނެހެން އަދި ހީނުކުރައްވާކަމަށް ވިދާޅުވިއެވެ.

މަސައްކަތުގައި ރާއްޖެއިން ބޭރުގައި ހުންވަންޖެހުމުން އެންމެ ބޮޑަށް ހަނދާންވަނީ ކޮން ކަންތައްތަކެއްތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ލޯބިވާ މައިންބަފައިންނާއި އާއިލާއާ އަދި ރައްޓެހިންނާއި ދުރުގައި ހުންނަޖެހުމަކީ އުނދަގޫވާ ކަމެއް ކަމަށެވެ. ދިވެހިރާއްޖެ މަތިންވެސް ހަނދާންވާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ބިޒީ ޝެޑިއުލްގެ ތެރެއިން ފިލްމެއް ބަލާލަން ވަގުތެއް ވޭތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ އެމަނިކުފާނަކީ ފިލްމު ބަލާ މީހެކޭ ނުބުނެވޭނެ ކަމަށެވެ. އާންމުކޮށް ފިލްމު ބަލައި އުޅެނީ ނެޓްފްލިކްސްއިން ކަމަށް ވިދާޅުވިއެވެ. އަދި އާންމުކޮށް ބަލަނީ މަޖާ ފިލްމުތައް ކަމަށް ވިދާޅުވިއެވެ. ލަވަ އަޑުއައްސަވަންތޯ ކުރެވުނު ސުވާލަށް ދެއްވި ޖަވާބުގައި ވިދާޅުވީ ލަވަ އަޑުއައްސަވާ ކަމަށާއި އާންމުކޮށް އަޑުއައްސަވަނީ މަޑުމައިތިރި ލަވަތައް ކަމަށެެވެ.

އެމަނިކުފާނު އާންމުކޮށް ޖައްސަވާ ސެންޓާ ގުޅޭގޮތުން ވިދާޅުވީ ވަކި ސެންޓެއް ޖައްސަވާ ނޫޅުއްވާ ކަމަށެވެ. އެއިރަކު ފެނުނު ސެންޓެއް ޖައްސަވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުގެ ބޭފުޅަކާ ކައިވެނި ބައްލައިގެންފާނަންތޯ ކުރެއްވި ސުވާލަށް ހިނިފުޅުވަޑުވައި ވިދާޅުވީ ބޭރުގެ ބޭފުޅަކާ ހީނުވާކަމަށެވެ. ބޭރުގެ މީހުންނާއިމެދު އެހާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށް ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިހާތަނަށް ދައުލަތުގެ ގިނަ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދައުލަތުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކި މަޝްވަރާތައް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
33%
ދެރަ ވެއްޖެ
33%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved