މިނިމަމް ވޭޖް ކަނޑައެޅުން
ސަރުކާރު މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 7000ރ. ދޭން ލަފާދީފި
 
މި އަހަރު ނިމުމުގެ ކުރިން 9 ޞިނާޢަތަކަށް މިނިމަމް ވޭޖް ކަނޑައެޅުން ލާޒިމްކުރޭ
 
ޕަބްލިކް ސެކްޓަރުގެ މިނިމަމް ވޭޖް މުރާޖަޢާ ކުރުމަށް ބޯޑުން ވަނީ ހުށަހަޅާފައި
ކ. މާލެ |
ވެލާނާގެ
މުހައްމަދު ޝަރުހާން

ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ ގޮތުގައި ދޭނެ އަދަދެއް ކަނޑައަޅައި، މިނިމަމް ވޭޖް ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާދޭން ނިންމައިފިއެވެ.

ހޯމަ ދުވަހު މިނިމަމް ވޭޖް ބޯޑުން މި ނިންމުން ނިންމާފައިވާއިރު، ޕަބްލިކް ސެކްޓަރުގައި ދުވާލަކު މަދުވެގެން 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުއައްޒަފުންގެ މިނިމަމް ވޭޖަކީ މަހަކު 7000 ރުފިޔާއެވެ. ނަމަވެސް 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ޕަބްލިކް ސެކްޓަރަށް ކަނޑައަޅާނީ ގަޑިއިރަކަށް 33.65 ރުފިޔާ ކަމަށް ބޯޑުން ވަނީ ނިންމާފައެވެ.

ޕްރައިވެޓް ސެކްޓަރާއި ޕަބްލިކް ސެކްޓަރާ މިހާރު ހުރި މަސައްކަތު ގަޑީގެ ތަފާތުތައް ކުޑަ ކުރުމަށްޓަކައި ޕަބްލިކް ސެކްޓަރުގައި މިހާރު މަސައްކަތްކުރާ ގަޑިތައް ޕްރައިވެޓް ސެކްޓަރާ އެއްގޮތް ކުރަން ހުށަހަޅާފައިވެއެވެ. އަދި މި ބަދަލަށްފަހު ޕަބްލިކް ސެކްޓަރުގެ މިނިމަމް ވޭޖު މުރާޖަޢާކުރުމަށްފަހު، އަލުން ކަނޑައަޅަން ވަނީ ހުށަހަޅާފައެވެ. މި ނޫން އެހެން ހުރިހާ ވަޒީފާއެއްގައި މިނިމަމް ވޭޖް ކަނޑައަޅާނީ ޕްރައިވެޓް ސެކްޓަރަށް ކަނޑައެޅި ބީދައިން ކަމަށާއި، އެހެންނަމަވެސް މުވައްޒަފުންގެ އަދަދަށް ބިނާކޮށް އެތަނެއް ނިސްބަތްވާ ވިޔަފާރީގެ ފަންތިއަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށް ބޯޑުން ވަނީ ބުނެފައެވެ.

ބޯޑުން ވަނީ އެކި ފަންތީގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖް ދޭނެ ގޮތް ތަފްސީލުކޮށްދީފައެވެ. އެގޮތުން ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑި އިރަކަށް 24.04 ރުފިޔާއެވެ. މި އަދަދާ ހަމައަށް ވާސިލުވެފައިވަނީ މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކުގެ މާލީ ހާލަތުގައި ހުރި ފަރަގަށް ރިޢާޔަތްކޮށް, މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅޭ ރޭޓަށް ވުރެ ކުޑަރޭޓެއް ކަނޑައެޅުމަށް ފެންނާތީ ކަމަށް ބޯޑުން ބުނެފައިވެއެވެ. މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑި އިރަކަށް 33.65 ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަދަދަކީ ޕަބްލިކް ސެކްޓަރަށް ދޭން ކަނޑައަޅާފައިވާ ރޭޓު ކަމަށް ބޯޑުން ބުނެފައިވެއެވެ. ބޮޑެތި ވިޔަފާރިތަކަށް ގަޑި އިރަކަށް 42.79 ރުފިޔާ ކަނޑައަޅާފައިވެއެވެ.

ބޯޑުން ބުނީ މައުލޫމާތު ނެތުމާއި މައުލޫމާތު ހުރި ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގައި ދަތިތަކާ ކުރިމަތި ލާން ޖެހުނު ކަމަށެވެ. އެހެންކަމުން، މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު ބޭނުންވާ މައުލޫމާތު ހޯދުމަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ރަނގަޅުކުރުމަށް ހުށަހަޅާކަމަށް ބޯޑުން ބުނެފައިވެއެވެ.

މީގެ އިތުރުން މިނިމަމް ވޭޖް ކަނޑައަޅާފައި ހުރި ވަޒީފާތަކުގައި، އިތުރު ގަޑީގެ މަސައްކަތަށް ޤާނޫނުން ނުވަތަ ޤަވައިދުން ހައްގުވާ ގަޑިއިރަކަށް ޖެހޭ މިންވަރު މިނިމަމް ވޭޖުގެ ގަޑިއިރަކަށް ޖެހޭ މިންވަރަށް ވުރެން ދަންނަމަ، އިތުރުގަޑީގެ އުޖޫރަ އެންމެ ދަށްވެގެން މިނިމަމް ވޭޖުގެ ގަޑިއިރަކަށް ޖެހޭ މިންވަރަށް ދޭން ޖެހޭނެ ކަމަށް ބޯޑުން ބުނެފައިވެއެވެ. މިނިމަމް ވޭޖްގެ އަދަދު ގަޑިއިރަކަށް ޖެހޭ އަދަދުގެ ގޮތުގައި ކަނޑައެޅިނަމަވެސް، ޕަބްލިކް ސެކްޓަރަށް ހާއްސަކޮށް، މަހަކަށް އެންމެ ދަށްވެގެން ލިބެންޖެހޭ އަދަދެއް ކަނޑައަޅާފައިވާނެ ކަމަށް ބޯޑުން ވަނީ ބުނެފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ދިނުމުގައި ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ 2 އަހަރު ދުވަހުގެ މޮރަޓޯރިއަމްގެ މުއްދަތު އިތުރުކުރަން ޖެހޭނެ ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިސްލާހުގައި ހުށަހަޅާފައިވާ 2 އަހަރުގެ މޮރަޓޯރިއަމްގެ މުއްދަތު 5 އަހަރު ދުވަހަށް ބަދަލުކުރުމަށްބޯޑުން ލަފާދީފައިވާކަމަށް ބުނެފައިވެއެވެ. އަދި މި މުއްދަތުގައި ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ދިނުމަށް ކުރަންޖެހޭ ދިރާސާތައް ކުރިއަށް ގެންދިޔުމަށާއި ހާލަތުބަދަލުވެއްޖެ ކަމަށް ބޯޑަށް ފެނިއްޖެނަމަ، މޮރަޓޯރިއަމް ގެ މުއްދަތުގެ ކުރިންވެސް ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖްދިނުމަށް ބޯޑުން ލަފާދީފައިވެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިން އާދަޔާ ޚިލާފަށް އިތުރުވާން ލިބޭ ފުރުސަތަކަށް ނުވަތަ ސަބަބަކަށް މޮރަޓޯރިއަމް ވެގެންނުވާނެ ކަމަށްވެސް ބޯޑުން ވަނީ ބުނެފައެވެ.

2021 ވަނަ އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުން އިކޮނޮމިކް މިނިސްޓަރަށް ލާޒިމް ކުރެއެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެއް އިސްލާހަކީ މިނިމަމް ވޭޖް ކަނޑައެޅުމެވެ. ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ގާނޫނުގައި ބުނާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންޖެހޭނެއެވެ. މިކަމާ ގުޅިގެން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ޞިނާޢަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަނޑަޅުން ލާޒިމުވާނެ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
36%
އަންތަރީސް ވެއްޖެ
36%
އުފާ ވެއްޖެ
9%
ދެރަ ވެއްޖެ
9%
ރުޅި ގަދަ ވެއްޖެ
9%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved