މާލޭގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމު
ހެންވޭރަށް ދާން ހުޅުމާލެއަށް!
 
މާލެއިން ހުޅުމާލެއަށް ދާން ޓެކްސީ ހޯދުމަކީ ފަސޭހަ ކަމެއް
 
މާލޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ޓެކްސީ ހޯދުމަކީ ވަރަށް ދަތިކަމެއް
ކ. މާލެ |
ޓެކްސީ ދަތުރުހޯދުމަކީ މިހާރު ދަތިކަމަކަށް ވަނީ ވެފައި
ރާއްޖެއެމްވީ

"މާލެ ދާން ކެލަޔަށް" މިއީ ވަރަށް ގިނަ ދިވެހިން އަޑުއަހާ ބަހެކެވެ. ދިވެހި ބަހުގެ މަޝްހޫރު އަދީބު އަލްއުސްތާޒު މުހައްމަދު ޖަމީލު ދީދީ ލިޔުއްވި މަޝްހޫރު ދަތުރުނާމާއެއްގައި އެފްރިކާގެ ސެނަގޯލަށް ކުރެއްވި ދަތުރުފުޅު މާދިގުވެ އެހެންތަންތަނަށް ދަތުރުކުރައްވަން ޖެހި ދަތުރު ދިގުވެގެން ދިޔާގޮތް ލިޔުއްވާފައިވެއެވެ.

މުޅި ދަތުރުނާމާގެ މަހުފޫމަކީ ދާންއޮތް މަންޒިލާ މާދުރުގައިވާ ތަންތަނަށް ދަތުރުކުރުމަށްފަހު މަންޒިލަށް ވާސިލްވެވުމެވެ. އެހެންކަމުން މާބޮޑަށް ދަތުރު ދިގުލައިގެން ގޮސްފިނަމަ އަދި ދާންއޮތް ތަން ނޫން މާދުރުތަންތަނަށް ގޮސް ދާން އޮންނަ ތަނަށް ދެވުމުން ދިވެހިން މިހެން ބުނެއުޅެއެވެ.

ނަމަވެސް ދައްކަން މިއުޅެނީ ކުރަންޖެހޭ ދަތުރެއްގެ ދިގު ވާހަކައެއް ނޫނެވެ. ދަތުރެއް ހޯދުމަށް އުފުލަންޖެހޭ ތަކުލީފުތަކާއި ބުރަތަކުގެ ވާހަކައެވެ. ވެރިރަށް މާލޭގައެވެ.

މާލެ ސިޓީ ހިމެނޭ ގްރޭޓަރ މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ ދެ ބައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެވެ. ބިޒީ ދިރިއުޅުމެއްގައި މިސަރަހައްދުގެ ރައްޔިޔުތުން އުޅެމުންދާއިރު އަބަދުވެސް އޮންނަނީ ކޮންމެވެސް ތާކަށް ދާން ލަސްވެފައެވެ. ދުއްވާ އެއްޗެހިން މަގުތައް އޮންނަނީ ތޮއްޖެހިފައެވެ. އޭގެ އެއް ސަބަބަކަށް ކުޑަ ތަންކޮޅެއްގައި އެތައް ބަޔަކު އުޅެންޖެހޭއިރު ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުން ފާހަގަކުރެވެއެވެ.

އާންމު ގޮތެއްގައި މާލޭގައި ދަތުރުކޮށް އުޅެނީ ސައިކަލާއި ކާރު އަދި ޓެކްސީގައެވެ. ދެން ބަހުގައެވެ. އަމިއްލަ ސައިކަލެއް ނުވަތަ ކާރެއް ނުހުންނަ މީހުން ޓެކްސީގައި ދަތުރުކުރާއިރު ޓެކްސީގެ ޚިދުމަތް ދިނުމަށް މާލޭގައި މިހާރުވެސް 7 ޓެކްސީ ސެންޓަރު އޮޕަރޭޓްކުރަމުންދެއެވެ. މީގެއިތުރުން އަވަސް ރައިޑް އަދި ކެބްއެމްވީ މެދުވެރިކޮށްވެސް ޓެކްސީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އަވަސް ރައިޑް މެދުވެރިކޮށް ޕްރައިވެޓް ކާރު ގެންގުޅޭ މީހުންނަށް ޓެކްސީ ކުރުމުގެ ހުއްދައޮވެއެވެ. މީގެއިތުރުން ސައިކަލް ޓެކްސީގެ ޚިދުމަތްވެސް ދެއެވެ.

މިހުރިހާ ކަމެއް މިހެން އޮތްނަމަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ވަރަށް ޓެކްސީގެ ޚިދުމަތެއް ނުލިބެއެވެ. އެއީ އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. ދާން ބޭނުންވާތާކަށް ގަޑިއަށް ނުދެވި އެތައް އިރެއް ލަސްވަނީ ޓެކްސީ ނުލިބިގެންނެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅައިގެންނާއި އެޕްތައް މެދުވެރިކޮށްގެން ޓެކްސީއެއް އަތުޖެހޭއިރު ހުންނަނީ ދެވަރުން އެއްވަރުވެފައެވެ.

ޓެކްސީ ސެންޓަރަށް ގުޅައިގެން އެޕުން ޓެކްސީ ހޯދުމަށް ރިކުއެސްޓްކޮށްގެން ނުވީތާކަށް މަގުމަތީ ހުރެގެން ބޮލާއި އަތާއި ހޫރުވައިގެންވެސް ޓެކްސީއެއް ލިބުމަކީ މިހާރު ނުވާކަމެކެވެ. ވަކިން ޚާއްސަކޮށް މާލޭގެ ތަނަކަށް ދާން ބޭނުންވާ މީހަކަށް މިއީ ހަމަ ބޮޑު ހަނގުރާމައެއް ކުރަންޖެހޭ ކަމެކެވެ. ކޮވިޑްގެ ހާލަތު އައުމާއެކު ޓެކްސީތަކުގެ ޑިމާންޑްވެސް ދަށްވެ ޓެކްސީ ބޭނުންކުރާ ފަރާތްތަކަށް ޓެކްސީ ހޯދަން ފަސޭހަވިއެވެ. ނަމަވެސް އާންމު ހާލަތަށް ރުޖޫއަވުމާއެކު ކޮވިޑްގެ ކުރިން ޓެކްސީ ހޯދުމަށް އުޅެންޖެހޭ ހާލަތަށް މިވަނީ އައިސްފައެވެ.

މީގައި ފާހަގަކޮށްލަން ޖެހެނީ މާލޭގެ އެއްތަނުން އަނެއްތަނަށް ދިޔުމަށް ޓެކްސީ ހޯދުމަށް ދަތިވިނަމަވެސް މާލެއިން ހުޅުމާލެއަށް ނުވަތަ މާލެއިން އެއަރޕޯޓަށް ދާން ޓެކްސީ ހޯދުމަކީ ހަމަ ފެންތައްޓެއް ބޯލުން ކަހަލަ ކަމަކަށްވުމެވެ. ދާންބޭނުންވާ ތަނަކީ ހުޅުމާލެއޭ ބުނެފިނަމަ އެއީ ޓެކްސީ ސެންޓަރަކަށް ގުޅިނަމަވެސް، އެޕުންކޮށްފައިވާ ރިކުއެސްޓެއް ނަމަވެސް އަދި މަގުމަތިން ހުއްޓުވާ ޓެކްސީއެއް ނަމަވެސް ޓެކްސީ ލިބުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް މިބުނި ހުރިހާ ގޮތަކަށްވެސް މާލޭގެ އެއްތަނުން އަނެއްތަނަށް ދިޔުމަށް ޓެކްސީ ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެއީ ކުރިންވެސް ބުނިހެން ހަނގުރާމައެއް ކުރުން ފަދަ ކަމެކެވެ.

އެހެންކަމުން ބައެއް މީހުން ޓެކްސީ ހޯދުމަށް އެދެނީ މާލޭގެ ތަނަކަށް ދާންނަމަވެސް ހުޅުމާލެއަށް ދިޔުމަށެވެ. ހެންވޭރަށް ދާން ބޭނުންވާ މީހާ ޓެކްސީ ހޯދުމަށް އެދެނީ ހުޅުމާލެއަށް ދިޔުމަށެވެ. އޭރަށް އެމީހަކަށް ހަމަ ވަރަށް ފަސޭހައިން ޓެކްސީ ލިބެއެވެ. މިކަން ހިނގަނީ މިހެންތޯ ބަލާލުމަށް އަމިއްލައަށްވެސް ޓެސްޓެއް ކޮށްލާށެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ޓެކްސީ ހޯދުމަށް މަސައްކަތްކުރާއިރުވެސް ހުޅުމާލެއަށް ދާން ބޭނުންވާ މީހުންނަށް ވަރަށް ފަސޭހައިން ޓެކްސީ ލިބޭ އަޑުއިވެއެވެ.

ބައެއް ޓެކްސީ ޑްރައިވަރުން އެއްގޮތަކަށްވެސް މާލެ ތެރެއިން ދަތުރެއް ނުނަގާކަމަށްވެއެވެ. ބައެއް ފަހަރު ގުޅައިގެން ޓެކްސީ ހޯދާއިރު މިވެނިތަނަކަށޭ ބުނުމުގެ ބަދަލުގައި ހުޅުމާލެއަށް ދާން ބުނުމުން ޓެކްސީ ލިބުމަށް ފަސޭހަވެއެވެ. ދާން ބޭނުންވަނީ ހުޅުމާލެ އޭ ބުނާއިރަށް ދަތުރުކޮށްދޭނެ މީހުން އެކިދިމާދިމާލުން ނިކުމެއެވެ. އެޕުން ރިކުއެސްޓްކުރާއިރުވެސް މާދުރުގައި އޮންނަ ޓެކްސީއެއްވެސް ހަމަ އެދަތުރުކުރާ ހިތުން ރިކުއެސްޓް ގަބޫލުކުރެއެވެ. އެހެންނަމަވެސް މާލެ ތެރެއިން ތަނަކަށް ދާން ބޭނުންވެގެން ގަޑިދެގަޑި ވާއިރުވެސް ތިބެންޖެހެނީ އެކަން ނުވެފައެވެ. އެހެންކަމުން އެންމެފަހުން ދޮގެއް ހަދައިގެން ޓެކްސީއެއް ހޯދުމަށްނަމަވެސް ހެންވޭރަށް ދާން ބޭނުންވާ މީހާވެސް ހުޅުމާލެއޭ ބުނެ ޓެކްސީއެއް ހޯދަނީއެވެ.

މިއީ ކޮންކަހަލަ އިންސާފެއްހެއްޔެވެ؟ ޓެކްސީއަކީ އަބަދުވެސް ހުޅުމާލެއަށް ނުވަތަ އެއަރޕޯޓަށް ދަތުރުކުރަން އޮންނަ އެއްޗަކީހެއްޔެވެ؟ އަބަދުވެސް ކަންކަންވާން ޖެހެނީ ޓެކްސީ ޑްރައިވަރުން ބޭނުންވާ ގޮތަށް ހެއްޔެވެ؟ ކޮވިޑްގެ ދުވަސްވަރު ދެ މީހަކު މަގުމަތީގައި ވާހަކަ ދައްކާލަން ތިއްބަސް ޓެކްސީ ޑްރައިވަރުން ކައިރިކޮށްލާފައި ދަތުރެއް ބޭނުންތޯ އަހާލައެވެ. އެއީ އޭރު ދަތުރެއް ނުލިބިގެންނެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުން އެކަށީގެންވާ އުޖޫރައެއް ނުލިބިގެންނެވެ.

މިއަދު އެކަން ހަނދާންނެތް ކަހަލައެވެ. މިއީ ހަމައެކަނި ތިމާމީހާގެ ޖީބަށް ވަންނަ ފައިސާއާއެކު ރައްޔިތުންނަށްވެސް ދޭ ޚިދުމަތެއްކަން ހަނދާނެއް ނެތެވެ. ޖީބަށް ބޮޑުކުރަން ހަމައެކަނި މާލެ އާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ދަތުރުއަޅާލާ އަޅާލަ ތިބެނީ އެހެންވެތާއެވެ.

އެހެންނަމަވެސް ޓެކްސީ ދަތުރުތަކުގެ އަގަށް ކިރިޔާވެސް ހިފެހެއްޓުމެއް ގެނެސްފިނަމަ މިބައި މީހުންގެ ޝަކުވާތައް އިންތިހާއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގެއް އެކަނި ނަގަންޖެހޭތީ އެކަމުގެ ޝަކުވާތައް އިންތިހާއެވެ. މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތްދިން އިރު ކުރި ޖެއްސުންވެސް ހަނދާން ހުންނާނެ މީހުން އުޅޭނެތާއެވެ. މިސަރުކާރު އައީ ބަހުގެ ޚިދުމަތް އަލުން ފެށުމުގެ ވައުދާއެކުއެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކުރާނެކަމަށް ބުނިނަމަވެސް އެކަންވެސް އަދިވެސް ނުވެއެވެ. އަދިވެސް ދިރާސާތައް ކުރަނީއެވެ. ފަހަރުގައި ޓެކްސީ ޑްރައިވަރުން ދެކެ ގަންނަ ބިރަކުންނެވެ.

ކޮންމެ ގޮތެއްވިޔަސް އެނގޭކަމަކީ މިކަމަށް ހައްލެއް ގެންނަންޖެހޭ ކަމެކެވެ. ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް މާލޭގައި އޮންނަން ޖެހޭކަމެވެ. ހެންވޭރަށް ދާން އަބަދު ހުޅުމާލެއަކަށް ނުދެވޭނެއެވެ. މާލެ ތެރޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި މިއަށްވުރެ ފަސޭހަ ނިޒާމެއް ހަމަޖެހިފައި އޮންނަން އެބަޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
6%
އަންތަރީސް ވެއްޖެ
3%
އުފާ ވެއްޖެ
13%
ދެރަ ވެއްޖެ
19%
ރުޅި ގަދަ ވެއްޖެ
3%
މޮޔަވެއްޖެ
56%
ލިޔުން ރަނގަޅު
ކޮމެންޓް
9 އޮކްޓޯބަރ 2021 | ހޮނިހިރު 16:02
ނަހުލާ
ނަހުލާ މުސާރަ ދީގެނެއް ނޫން ޓެކްސީ ދުއްވަނީ އެއް. މަގޭ ކާރު. މަ ކުރާ މަސައްކަތް. ޓުރާންސްޕޯޓަކަށް އަގެއް ނުނިންމޭނެ. ހަލާކު ވީމަ ނަހުލާ އެއް ނޫން ހަދަނީކީ އެއް.
9 އޮކްޓޯބަރ 2021 | ހޮނިހިރު 15:27
ޒުލްފީނާ
ތި ނިޒާމަކީ މިހާރުވެސް ބޭނުންކުރާ ނިޒާމެއް. އެމްޓީސީ ސީ އަކީ ތިނަޒާމަށް ވަރަށް ފަރިތަބަޔެއް.އެމް ޓީ ސީ ސީ ފެރީ ޒޯން 6 ގއ/ގދ ގަވެސް އޮންނަނީ ތި ނިޒާމް. ކޮލަމާފުށިން ތިނަދޫއަށް ދާން މިޖެހެނީ އަތޮޅުގެ އެއްފަޅިން އަނެއްފަޅިއަށްގޮއްސަ.ދޮޅު ގަޑިއިރުން ދެވޭތަނަކަށް 5 ގަޑި އިރު އެބަހޭދަވޭ.ދެކޮޅަށް 10 ގަޑިއިރު ފެރީގަ ތިބެންޖެހޭ.މިނޫން ގޮތެއްނެތީތޯ ހިތަށް އަރާ.
9 އޮކްޓޯބަރ 2021 | ހޮނިހިރު 15:09
މާލެމީހާ
މާލެތެރޭ މިހާރު ނުދުއްވޭ. 25ރުފިޔާ ހޯދަން ބުރެކިމަތިން ފައި ނުނެގޭ. މަޖީދީމަގު ވަންވޭ. ބައެއް މަގުމަގަށް ވަދެ ކާރުގެ ދޮރުނުހުޅުވޭ ދެފަރާތުން އެއްޗެހި ޖައްސާފަ ހުންނަގޮތުން. ސުޓެލްކޯ ފޮއްޓާ މީޑިއާނެޓުފޮއްޓާ މި ތަކެތި މިހުންނަނީ މަގުމަތީ އޮށޯވެ. މައްސަލަތަކުގެ ހާއްޔެއްގަ ކޮންމެ މީހަކުވެސް ހޯދަނީ އެމީހެއްގެ ސަލާމަތް. ޕާރޓޭން އެހާގިނަ. ތަނެއް މިނެޓެއް މަޑުކޮއްލިޔަސް ދަނީ އިންޒާރުދީފަ. ޓްރެފިކް މެނޭޖް ކުރަން ބިޒީމަގުތަކުގަ ސުކޫލުކު ދުވަސް ތަކުގަވެސް އެއިން ފުލުހަކު ތިބެނީ މަދުފަރަކު. ލިޔުން ލިޔެލިއިރު މިކަންކަންވެސް ހިމަނާލިނަމަ
9 އޮކްޓޯބަރ 2021 | ހޮނިހިރު 14:09
ހަސަންކޮ
މަށަކީ ސައިކަލް ޓެކްސީ ކުރާ ޑްރައިވަރ އެއް. ޢުނދަގޫ ނުވަންޏާ މަށާ ކޮންޓެކްޓް ކޮއްލާ.
9 އޮކްޓޯބަރ 2021 | ހޮނިހިރު 09:11
ޚުޑޫ
މިޒަމާނުގަ ތަނެއް ދޮރެއް ނޭނގި ތިބެ ނޫސްތަކުގަ އާޓިކަލް ލިޔާ ކުދިންގެ ލިޔުމާ ތަފާތު. ޥަރަށް ކިޔާހިތުން ކިޔާލެވުނު މިޔުމުގެ ފެންވަރު ރަނގަޅު ލިޔުމެއް. ބޭއަދަބީ ބަހުރުވައެއް ބޭނުން ނުކޮށް ބޫނަން ބޭނުންވާ ވާހަކަ ވ ރީއްޗަށް ބުނެދީފަ އެބައޮތް. މިކަހަލަ ލުޔުންތައް ގިނަ ގިނައިން ޖަހާލަދީބަ!
8 އޮކްޓޯބަރ 2021 | ހުކުރު 19:48
ނަބްލީސް
އަސްލު މައުލޫއަށް އައުމުގެ ކުރިން ބޭކާރު 5 ޕެރެގްރާފް. އެއީ މިހާރުގެ ސްޓައިލެއް ނޫން. މީހުން ބިޒީކޮށް އުޅޭއިރު، ހާސަރު ދިގު އާޓިކަލްސް ނުކިޔާނެ. ކުރުކޮށް ފޮނިކޮށް ލިޔަން އާދަކޮށްބަލަ.
raajjemv logo

All rights reserved