ޑިޖިޓަލް ފައިސާ
ކްރޮސްރޯޑްގެ 2 ރިސޯޓަކުން ޑިޖިޓަލް ފައިސާ ބަލައިގަންނަން ނިންމައިފި
 
މިއީ ކޯޑެއްގެ ސިފައިގައި ރައްކާކުރެވޭ ފައިސާއެއް
 
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްރިޕްޓޯ ކަރަންސީ ބަލައިގަންނަން ނިންމިފަހަރު
ކ. މާލެ |
ކްރޮސްރޯޑްސް މޯލްޑިވްސް
ރާއްޖެއެމްވީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ފައިސާ, ކްރޮސްރޯޑްސްގެ 2 ރިސޯޓަކުން ބަލައި ގަންނަން ނިންމައިފިއެވެ. މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކްރޮސްރޯޑްގެ ދަށުން ހިންގާ، ސައި ލެގޫން މޯލްޑިވްސްއާއި ހާޑްރޮކް ހޮޓެލް މޯލްޑިވްސްއިން ވަނީ ކްރިޕްޓޯ ކަރަންސީ ބަލައިގަންނަން ނިންމާފައެވެ.

މިވަގުތު މި ދެ ރިސޯޓުން ޑިޖިޓަލް ފައިސާގެ ގޮތުގައި ބަލައިގަންނަނީ "ޔޫއެސްޑީ ކޮއިން" އާއި "ޓެދާ ޓޮކެންސް" (ޔޫއެސްޑީޓީ)އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފައިސާގެ އިތުރު ބާވަތްތައް ބަލައިގަންނާނެ ކަމަށް ވަނީ ބުނެފައެވެ.

ކްރޮސްރޯޑް ކުންފުނީގެ ސީއީއޯ, ޑާރކް ވިދާޅުވީ ވިސްނުން އަބަދުވެސް ގެންގުޅުއްވަނީ އީޖާދީ އައު ކަންކަން ތަޢާރަފު ކުރުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ކަންބޮޑުވުމެއް ނެތި ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކުންފުނިން ހިންގާ ދެ ރިސޯޓެއްގައި މި ޚިދުމަތް ފެށި ކަމުގައިވިޔަސް ކުރިއަށް އޮތްތަނގާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ އެހެން ރިސޯޓުތަކުގައި އަދި ހޮޓެލްތަކުން ވެސް ޑިޖިޓަލް ފައިސާ ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ.

ކްރޮސްރޯޑުގެ ދެ ރިސޯޓަކުން ޑިޖިޓަލް ފައިސާ ބަލައިގަންނަން ނިންމާފައިވާއިރު، ރާއްޖޭގައި ޑިޖިޓަލް ފައިސާ, ފަހަކަށް އައިސް ގެންގުޅޭ މިންވަރު ވަނީ އިތުރުވެފައެވެ.

ކްރިޕްޓޯ ކަރަންސީއަކީ ކޮމްޕިއުޓަރ ކޯޑެއްގެ ސިފައިގައި ރައްކާކުރެވޭ ފައިސާއެކެވެ. އަދި މިގޮތަށް ހުންނަ ފައިސާއަކީ ރައްކާތެރިކަން ބޮޑު، އަދި އެއިން ކުރެވޭ މުޢާމަލާތްތަކުގެ ސިއްރު ހިފެހެއްޓޭ ބާވަތުގެ ފައިސާއެއްކަމުން މައިކްރޯސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކުންވެސް މިފައިސާ ބަލައިގަނެއެވެ. ނަމަވެސް، ބައެއް ގައުމުތަކުގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން ދާދިފަހުން ޗައިނާގައި ހުރިހާ ކްރިޕްޓޯ ކަރަންސީގެ ބާވަތެއްގެ މުޢާމަލާތު ކުރުން ވަނީ މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved