ރާއްޖޭގެ ފަތުރުވެރިކަން
"ވެކްސިން އައުމުގެ މާ ކުރިން ރާއްޖޭގެ ޓޫރިޒަމް، ދުނިޔެއަށް މިސާލު ދައްކައިފި"
 
މިއަހަރުގެ މިހާތަނަށް 843،552 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ
 
މިހާރު މިވަނީ މިފަދަ ހަރަކާތްތައް ފަށައިގަންނަން ޖެހިފައި
 
ބޯޑަރު ހުޅުވި ހިސާބުން ރާއްޖެއިން ވަނީ ކޮވިޑާ އެއްކޮށް އުޅެން ފަށާފައި
ކ. މާލެ |
ބޯޑަރު ހުޅުވިތާ އެއް އަހަރު ފުރުނު ދުވަހު ރާއްޖެއަށް ފޭބި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ
ވެލާނާ އެއާޕޯޓް

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމް ނުފެށެނީސް ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް މިސާލު ދައްކާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ އަހަރުގެ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވަން ނިންމި ހިސާބުން ކޮވިޑާ އެއްކޮށް އުޅެން ފަށައި، ދިވެހިރާއްޖޭގައި ޓޫރިޒަމް ވެސް ފަށާފައިވާކަމަށެވެ.

ކޮވިޑުގެތެރޭގައި ރާއްޖެއިން އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާކަމަށާއި، މިއީ ރާއްޖެއަށް ވެކްސިން ލިބުމުގެ ވެސް މާ ކުރިން ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. ވެކްސިން ނާންނަނީސް ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް މިސާލު ދައްކަން ފެށިކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިހާރު ވެކްސިން ލިބި ޓޫރިޒަމް އިންޑަސްޓްރީގެ 97 އިންސައްތަ މުވައްޒަފުން މިހާރު ވަނީ ވެކްސިން ޖަހާފައި ކަމަށާއި، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ވެސް ވެކްސިން ފުރިހަމަކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ލީޑަރުން ވެސް އަދި ޚާއްސަކޮށް ފަތުރުވެރިކަމުގެ ޖަމިއްޔާ ޖަމާއަތްތަކުން މި ގޮވާލަނީ ދެން ކޮވިޑާ އެއްކޮށް އުޅެންވީއޭ. އަޅުގަނޑުމެން އެގޮތަށް އުޅެން ފަށައިފިން. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖޭގެ ބޯޑަރު ހުޅުވަން ނިންމީ ކޮވިޑާ އެއްކޮށް އުޅެން. ކޮވިޑުގެ ތެރޭގައި އަޅުގަނޑުމެން އިޤްތިޞާދީ ހަރަކާތް ކުރިއަށްގެންދިޔައީ. ވެކްސިން ނާންނަނީސް ދިވެހިރާއްޖޭގެ ޓުއަރިޒަމް، ދުނިޔެއަށް މިސާލު ދައްކަން ފަށައިފި.
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

މިހާރު ކޮވިޑްގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނާތީ އެކިއެކި ފަރާތްތަކުން ބާއްވާ ބޮޑެތި ފެއަރތަކާއި، ޓޫރިޒަމް ފޯރަމް ތަކުގައި ބައިވެރިވަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ހަރަކާތްތަކުން ދުނިޔެއަށް ވަރަށް ފުރިހަމަ މެސެޖެއް ދޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކަމުން މިފަދަ ހަރަކާތްތައް ފަށައިގަންނަން ޖެހިފައިވާކަން ހާމަކޮށްދޭ ކަމަށެވެ. ހައްލަކީ މި ހާލަތާއެކު ވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ވެސް ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް 843،552 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަހަރުގެ މިހާތަނަށް އައިއިރު ލީޑިން މާކެޓެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު 191،824 އަށް ވަނީ އަރާފައެވެ. ރަޝިއާއިން 168،221 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުން 51،031 ފަތުރުވެރިއަކު އައިސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved