ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް ލިބުނު ފައިދާ
ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް ލިބުނު ފައިދާ 1.3 މިލިއަން ރުފިޔާ އިތުރު
 
ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބިފައި ވަނީ 63 މިލިއަން ރުފިޔާ
 
ދެ ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބުނީ 423.32 މިލިއަން ރުފިޔާ
ކ. މާލެ |
އެމްޓީސީސީ އިމާރާތް
ރާއްޖެއެމްވީ

އަހަރުގެ ދެވަނަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ލިބުނު ފައިދާ 1.3 މިލިއަން ރުފިޔާ އިތުރު ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަލީ ރިޕޯޓް ދައްކާގޮތުން އެކުންފުންޏަށް ވަނީ ދެ ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 423.32 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ފުރަތަމަ ކުއާޓާގައި ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 423.01 މިލިއަން ރުފިޔާއާ އަޅާބަލާއިރު 311,828 ރުފިޔާ އިތުރު އަދަދެކެވެ.

ރިޕޯޓްގައިވާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައި ވަނީ 63 މިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 61.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 1.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް ވަނީ އަހަރުގެ ފުރަތަމަ ކުއާޓާގެ 82.32 މިލިއަން ރުފިޔާއިން 83.08 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ކޭޝް ފްލޯ ޕަރ ޝެއަރ 3.56 މިލިއަން ރުފިޔާއިން 4.69 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، އަރނިންގސް ޕަރ ޝެއަރ ވަނީ 7.67 މިލިއަން ރުފިޔާ އިން 7.84 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ނެޓް އެސެޓް ވެލިއު ޕަރ ޝެއަރ ވަނީ 153.21 މިލިއަން ރުފިޔާ އިން 161.63 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

އެމްޓީސީސީގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކޮށްފައި ވަނީ އެކުންފުނިން ނަގާފައިވާ ތަފާތު ތަރައްގީގެ މަޝްރޫޢުތަކުންނެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ބަނދަރު ތަރައްގީކުރުމާއި މަގު ހެދުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.

އެމްޓީސީސީ އަކީ ދަތުރުފަތުރުގެ ޓްރޭޑް އަދި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާ އިރު، އެކުންފުންޏަށް މި ދެ ދާއިރާއިން ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. ކުންފުނިން ފާހަގަކުރާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުގައި އެޅިގެންދިޔަ ފިޔަވަޅުތަކުގެ ސަބަބުން އެކުންފުނީގެ ދަތުރުފަތުރުގެ ޚިދުމަތުން ލިބުނު އާމްދަނީ ވަނީ 24 އިންސައްތަ ދަށަށް ގޮސްފައެވެ.

އޭގެ އިތުރުން، ކޮވިޑްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން އެކުންފުނީގެ ސަޕްލަޔަރުންނަށް މުދާ ސަޕްލައިކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކުންފުންޏަށް ވަނީ ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމުގައި ލަސްތަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ސަބަބުން އެ ދާއިރާއިން ކުންފުންޏަށް ލިބުނު އާމްދަނީ 34 އިންސައްތަ ދަށަށް ގޮސްފައިވާ އިރު، ލިބުުނު ފައިދާ ވަނީ 77 އިންސައްތަ ދަށްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved